ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ދައުރުގައި ހިންގި ކޮރަޕްޝަންގެ ބޮޑު މައްސަލައިގައި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ސާލިހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ނަމަވެސް، އޭނާއަށް ކަނޑައަޅާ އަދަބު އިއްވުން އޮންނާނީ ފަހުން ބާއްވާ އަޑުއެހުމެއްގައެވެ.

މި މައްސަލައިގައި ހިމެނޭ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކުށް ސާބިތުވެ، ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ އެންމެ ބޮޑު އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 28 ސެޕްޓެމްބަރު 2025 ގައެވެ. އޭރު ގާޒީ ވިދާޅުވެފައިވަނީ ސައީދަށް އެންމެ ހަރުކަށި އަދަބު ކަނޑައެޅީ މުޖުތަމައުގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ. އެ ދުވަހު ސައީދަށް ހުކުމް ކުރިއިރު ދީނާގެ ބައި އޮތީ ނުނިމިއެވެ.

މިއީ 2019 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާފައިވާ ކޮރަޕްޝަނެކެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، 26 ޑިސެންބަރު 2024 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަނުކުރަނީސް އަދި މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް، އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މި އަމަލުގެ ސަބަބުން ފެނަކައަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، ސައީދާއި ދީނާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.