ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން މިވަނީ ވަރަށް ވަރުގަދަ އަދި ތާރީހީ ނިންމުމެއް ނިންމާފައެވެ. އެގޮތުން، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް ވަނީ ނިންމާފައެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނަކަ އުވާލުމަށް ނުވަތަ އެހެން ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން އިއުލާންކުރި ދެވަނަ ފަހަރެވެ. މި ބަދަލާއެކު ކުންފުނި "ރައިޓް ސައިޒް" ކޮށް، ބޭކާރު ގޮތުގައި ތިބި މުވައްޒަފުން މަދުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް މިއީ ހަމައެކަނި އިގްތިސޯދީ ހައްލެއް ބާވައެވެ؟ ނުވަތަ މިއީ ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާނެ އިޖުތިމާއީ ބޮޑު ގޮންޖެހުމެއް ބާވައެވެ؟

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސޯދު އޮތް ބިރުވެރި ހާލަތު ބަޔާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރާ ހަވާލުވިއިރު ބޭރަށް ދައްކަން ހުރި ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ރައްޔިތުން ލައްވާ ކުންފުނިތަކުންނާއި މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭން ހުރި ބިލުތަކުގެ އަދަދު 9 ބިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ހަމައެކަނި ފެނަކައިން އެކި ފަރާތްތަކަށް ދޭން ހުރި ދަރަންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި / ފޮޓޯ: ރައީސް އޮފީސް

މިސް މެނޭޖްކޮށްގެން ފެނަކަ އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށާއި، މިފްކޯ، ފެނަކަ، އާރްޑީސީ ފަދަ ކުންފުނިތައް ހުރީ ހިނގައި ނުގަނެވޭ ވަރުގެ ބޮޑު އަނދަވަޅެއްގައި ކަމަށްވުމުން، ބޭކާރު އިސްރާފުތައް ހުއްޓާލައި ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަކީ އިގްތިސޯދީ ގޮތުން މިއަދު މަޖުބޫރު ކަމެކެވެ.

ފެނަކަ އޮޑިޓް ރިޕޯޓުން ހާމަވި ބިރުވެރި ހަގީގަތްތައް

އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ޖުމްލަ ދަރަނީގެ އަދަދަކީ 796.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، 2023 ގެ ނިޔަލަށް އެ އަދަދު ވަނީ 3,896,238,960 (3.8 ބިލިއަން) ރުފިޔާއަށް އަރާފައެވެ. މިއީ 389 ޕަސެންޓުގެ ބިރުވެރި އިތުރުވުމެކެވެ.

  • ނުދައްކާ ހުރި ބިލުތައް: މުދަލާއި ހިދުމަތް ހޯދުމަށްފަހު އެކި ފަރާތްތަކަށް 2.99 ބިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ. އޭގެ ތެރޭގައި:
    • އެފްއެސްއެމް (ތެލުގެ ބިލު) އަށް ނުދައްކާ: 1.78 ބިލިއަން ރުފިޔާ (ނުދައްކާ ހުރި ފައިސާގެ 59 ޕަސެންޓް)
    • ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް: 955.5 މިލިއަން ރުފިޔާ
    • ރާއްޖެއިން ބޭރުގެ ފަރާތްތަކަށް: 241.9 މިލިއަން ރުފިޔާ
  • ނުދައްކާ ހުރި ލޯނުތައް: ކުންފުނިން ނެގި ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް 2023 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 165.5 މިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަރަނި މިހާ ބޮޑަށް އިތުރުވީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ވައްދައި މުސާރައަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން، ކުންފުނި ސަލާމަތްކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުން ނުވަތަ "ރައިޓް ސައިޒް" ކުރުން ވަނީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފައެވެ.

ފެނަކައިގެ ބިޔަ އާބާދީއާއި މުވައްޒަފުން މަދުކުރުމުން ކުރާނެ އަސަރު: އިޖުތިމާއީ ގޮންޖެހުން

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ރަށްރަށަށް އަސާސީ ހިދުމަތްތައް (ކަރަންޓު، ފެން، އަދި ނަރުދަމާ) ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ފެނަކައިގައި 7,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. މިހާ ބޮޑު އާބާދީއެއް އޮތް ކުންފުންޏަކުން މުވައްޒަފުން މަދުކުރަން ފެށުމަކީ މާލީ ގޮތުން ފައިދާހުރި ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މީގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.

ފެނަކަ މުވައްޒަފުން ނިކުމެ މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން

އެގޮތުން ގިނަ އާއިލާތަކެއްގެ އާމްދަނީއަށް އަސަރުކުރުމަކީ ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވުމުން، ގިނަ ގޭބިސީތައް ބަރޯސާވަނީ ފެނަކައިގައި އުޅޭ އެ އާއިލާގެ މެންބަރަކަށް ލިބޭ މުސާރައަށެވެ. ވަޒީފާ ގެއްލިއްޖެނަމަ، ކެއިންބުއިމާއި، ކުދިންގެ ތައުލީމާއި، ސިއްހީ ކަންކަމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް އެ އާއިލާތައް ނުކުޅެދި، ފަގީރުކަމުގެ ހާލަތަށް ވެއްޓުމުގެ ބިރު އޮވެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރަށެއްގެ އިގްތިސޯދު ދައުރުވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީން ރަށުގެ ފިހާރަތަކުންނާއި، ކެފޭތަކުންނާއި، ކުދި ވިޔަފާރިތަކުން ވިޔަފާރި ކޮށްގެންނެވެ. ރަށެއްގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލި އަތްމަތި ދަތިވުމުން ވިޔަފާރިކުރާ މިންވަރު މަދުވެ، ރަށުގެ ވިޔަފާރިތައް ހުއްޓި، މުޅި ރަށުގެ އިގްތިސޯދީ ދުވެލި މަޑުޖެހިގެންދިއުމަކީ ވެސް ކުރިމަތިވެދާނެ ކަމެކެވެ.

މީގެ އިތުރުން ދިމާވާނެ އަނެއް ގޮނެޖެހުމަށް ބަލާލާއިރު ވަޒީފާ ލިބުމުގައި ހުރި ހުރަސްތައް ފާހަގަކޮށްލެވެއެވެ. މާލެއާ ހިލާފަށް ރަށްރަށުގައި ވަޒީފާގެ ބާޒާރު ވަރަށް ހަންޏެވެ. ސަރުކާރު ކުންފުންޏަކުން ވަކިކުރާ މީހަކަށް އެ ރަށުން އެހެން ވަޒީފާއެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑަވެގެން ދާނެއެވެ. މީގެ ސަބަބުން ވަޒީފާ ނެތް ޒުވާނުން ގިނަވެ، ނަފްސާނީ މައްސަލަތަކާއި އިޖުތިމާއީ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވެގެންދިއުން ވެސް އެކަށީގެން ވެއެވެ.

ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ޔުޓިލިޓީ ހިދުމަތްތައް ބަދަލުކޮށް، ކުންފުނި ރީސައިޒް ކުރުމަކީ ދައުލަތުގެ ބަޖެޓަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ގޮތުގައި ސިފަކުރިއަސް ވަޒީފާ ގެއްލޭ މީހެއްގެ އާއިލާއަށް މިކަމުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއީ ގައުމުގެ އިގްތިސޯދު ސަލާމަތްކުރުމަށްޓަކައި އެޅޭ ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމުގައި ވީ ނަމަވެސް، މުވައްޒަފުން މަދުކުރަމުންދާއިރު، އޭގެ ސަބަބުން އާއިލާތަކަށާއި ރަށްރަށުގެ އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ބަދަލުގައި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފަދަ ނިޒާމެއްގެ ދަށުން މި ބަދަލުތައް ގެނައުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.