ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުން މުވައްޒަފުން ކަނޑާލީ ކީއްވެގެންތޯ ސާފުކުރުމަށާއި، އެ މުވައްޒަފުންނަށް އަލުން ވަޒީފާ އަނބުރާ ދިނުމަށް ގޮވާލައި އެ ރަށުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 14 މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ވަޒީފާއިން ވަކިކުރި މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ފޯކައިދޫ ފެނަކަ އޮފީސް ދޮށަށް އެއްވެ އަޑުއުފުލަން ފަށާފައެވެ.
މި މުޒާހަރާއާ ގުޅޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އަންވަރު ވިދާޅުވީ، ފެނަކަ ކައިރީ ކުރަމުންދާ މުޒާހަރާއަކީ ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާއެއް ކަމަށެވެ. އެގޮތުން 14 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށް، އެ ކުދިންގެ އާއިލާތައް ވަނީ ބިކަކޮށްލާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާވެސް ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށާއި، ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުންތަކެއް އެއްވެސް އިންޒާރަކާ ނުލައި ވަކިކޮށްފައިވަނީ ޕީއެންސީގެ ބަޔަކު އަޑީގައި ތިބެގެން ކަމަށް ކައުންސިލް ރައީސް ތުހުމަތު ކުރެއްވިއެވެ. އަދި މިކަން ކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ހާއްސަކޮށް ޓާގެޓްކޮށް، ލިސްޓެއް ހަދައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ، މިއީ އެމްޑީޕީން މެންބަރުން އިސްވެ ކުރާ އިހުތިޖާޖަކަށް ވީނަމަވެސް ރައްޔިތުން ކުރާ މިފަދަ ކަމަކަށް ކައުންސިލުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އަދި ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި އެ މީހުންނަށް އެ ހައްގު ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެއްވެސް ކަހަލަ އިންޒާރެއް ދިނުމެއް ނެތި، ސިޔާސީ ސަބަބުތަކަށްޓަކައި ކުއްލި ގޮތަކަށް މުވައްޒަފުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި މުޒާހަރާއާ ގުޅިގެން ރަށުގެ އަމަންއަމާންކަމާއި މަސްލަހަތު ބެލެހެއްޓުމަށްޓަކައި، މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
