ފައިލޭރިއާ ކޮންޓްރޯލްކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދަޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ހޭލުންތެރި ކުރުމަށްޓަކައި "މުކައްބަ" މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖެއިން ފެނިފައިވާ ފައިލޭރިއާ ބަލީގެ ކޯންޓްރޯލިން މެކޭނިޒަމް ރާއްޖޭގައި އޮތްކަމަށާއި ބަލިޖެހިފައިވާ މީހުންނަށް ދޭން ޖެހޭ ބޭހާއި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހުރި ކަމަށެވެ.
މީގެ އިތުރުން އިތުރު ބޭހާއި ޓެސްޓިން ކިޓް ހޯދުމަށްޓަކައި އިމަޖެންސީ ފަންޑުތަކާ ވާހަކަދައްކައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފަހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ ފައިލޭރިއާއަކީ ރާއްޖެއަށް އެތެރެވެފައިވާ ބައްޔެއް ކަމަށާއި އެއީ ރާއްޖޭގަ ފެތުރޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަކަށް އަރާފައެވެެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ކުރި ޓެސްޓުތަކުން ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭޣައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި އިންޑިއާގެ ޓެމިލްނާޑޫގެ އެއް ފަރާތަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ އެއް ފަރާތަކާއި ބަންގްލަދޭޝްގެ ދެ ފަރާތެއް ކަމަށެވެ.
ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންގެ ބޭސްފަރުވާކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭއިން ކަމަށްވާއިރު މިހާތަނަށް ޕޮޒިޓިވްވި ހުރިހާ މީހުންނަށްވެސް ވަނި ބޭސް ދީފައެވެ.
އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ފުޅާކޮށް ދިވެހީންނާއި ބިދޭސީން ހިމެނޭހެން ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.