ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިވަގުތު މެދުކެނޑިފައި އޮތީ ކޯރަމް ހަމަވާ ވަރަށް މެންބަރުން މިވަގުތު ނެތުމުން ކަމަށް، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ނަންތައް ފޮނުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ. ޖެހިގެން އައި ދުވަހު ރިޔާސަތުން ވަނީ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަންތައް ފޮނުވައިފައެވެ.

އެހެންކަމުން ވަޒީރުންނަށް ރުުހުން ނުދެވި އޮންނަތާ މަސް ދުވަސް ފާއިތުވެގެން ވަނީ ގޮސްފައެވެ. އަދި މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު މި މަހުގެ 28 ގެ ނިޔަލަށް ތިންވަނަ ފަހަރަށް ދަންމާލި ފަހުން އިތުރު ޖަލްސާ އެއް ނުބާއްވައެވެ.

'ދަ ޕްރެސް' އިން މިކަމާ ގުޅިގެން ސުވާލުކުރުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، ސަރުކާރުން މުހިންމު ބިލުތަކެއް އަނބުރާ ގެންދިއުމުން މަޖިލީހުގައި މެންބަރުން ކުރަން ޖެހޭ މަސައްކަތްތައް މަދު ކަމަށާއި، އެހެންވެ ނުނިމި އޮތް މަސައްކަތަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް ނުނިމޭ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދަނީ އެ ސަބަބާ ހެދި ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ބެލިއިރުގަ މާލޭގަ ކޯރަމް ހަމަވާ ވަރަކަށް މެންބަރުންނެއް ނެތް މިދިޔަ ހަފުތާގަ އަޅުގަނޑުމެން ބެލިއިރުގަ،" ހުސައިން ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކެނޑުނު ދެވަނަ ސަބަބެއްގެ ގޮތުގައި ހުސައިން ފާހަގަކުރެއްވީ، ޕާޓީތަކުން 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ޕާޓީތައް ތަމްސީލުކުރާނެ މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ހުޅުވާލާފައި އޮތުމުން، ގިނަ މެންބަރުން ދާއިރާތަކަށް ގޮސްފައިވުމެވެ.

"އަޅުގަނޑުމެން ބެލިން ހުރިހާ ދުވަހެއްގަ ޖަލްސާ ބޭއްވޭނެ ގޮތެއް ވޭތޯ،" މަޖިލީހުގެ ޖަލްސާ އެއް ނުބޭއްވުމުގެ ވިސްނުމެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.