ރާއްޖޭގައި އުޅޭ ބިދޭސީން ހަދަން ޖެހޭ މެޑިކަލް ޗެކަޕް އަންނަތާ 15 ދުވަސް ތެރޭގައި ހަދަން ޖެހޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން އެކަން ނިންމަވާފައިވާކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުاﷲ ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ ބިދޭސީންގެ އަދަދު ރާއްޖޭގައި ދުވަހެއް ދުވަހަށް އިތުރުވެގެން ދިއުމާ އެ އަންނަ ބިދޭސީންގެ ސަބަބުން ސިއްހީ ނިޒާމަށް ހުރި ގޮންޖެހުން ހުންނަ ކަމަށެވެ. އަދި އެ މައްސަލާގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަންތައްތަކެއް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަކީ ގައިން ގައިން އަރާ އާންމު ގިނަ ބަލިތަކެއް ކޮންޓްރޯލް ކުރެވިފައި އޮތް ގައުމެއް ކަމަށާއި އެހެންނަމަވެސް މިފަދަ ބަލިތައް ކޮންޓްރޯލް ކުރެވިފައި ނުވާ ގައުމުތަކުން މަސައްކަތްކުރުމަށާއި ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރުމަށް އަންނަ ބިދޭސީންގެ ސަބަބުން ބައެއް ބަލިތައް ފެތުރެމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި މެޑިކަލް ޗެއަޕްގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖެއަށް ދިގު މުއްދަތަކަށް ޑިޕެންޑެންޓް، ވޯކް، ރިޒެވެންޓް، ސްޓޫޑެންޓް އަދި ކޯޕަރޭޓިވް ރިޒެވެން ވިސާގައި އަންނަ ހުރިހާ ބިދޭސީއިން ރާއްޖެ އައިސް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހެދަން ޖެހޭނެ ކަމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މެރިއޭޖް ވިސާއަށް އަލަށް ހުށަހަޅާއިރު މެޑިކަލް ޗެކަޕް ހެދަން ޖެހޭނެ ކަމަށާއި ރާއްޖެ އައުމަށްފަހު މެެޑިކަލް ޗެކަޕް ހަދަން ދީފައިވާ މުއްދަތު 30 ދުވަހުން 15 ދުވަހަށް ކުޑަކުރުމަށް ވެސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ 15 ދުވަހު ތެރޭގައި އެގޮތަށް އަންނަ ކޮންމެ މީހަކު މެޑިކަލް ހަދާ އޮންނަ އުސޫލުގެ މަތިން ހެދުމަށްފަހު އެޗްޕީއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހާއްސަކޮށް އެންޑަމިކް ސަރަހައްދުތަކުން އަންނަ ފަރާތްތަކުގެ ތެރެއިން ބިޒްނަސް ވިސާގައި ތިބޭ ފަރާތްތައްވެސް ވިސާގެ މުއްދަތު އިތުރުކުރާނަމަ ވިސާ އާކުރުމުގެ ކުރިން މެޑިކަލް ހަދަން ޖެހޭނެ ކަމަށާއި މިހާރު މެޑިކަލް ޗެކަޕްގައި ހިމެނޭ ޓެސްޓުތަކުގެ އިތުރުން އެ ވަގުތެއްގެ ހާލަތަށް ރިއާޔަތްކޮށް ހެލްތް މިނިސްޓްރީއިން ފެންނަން ޓެސްޓުތައް އިތުރުކުރުމަކީ ހެލްތް މިނިސްޓްރީގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް ކަމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިގޮތަށް މެޑިކަލް ޗެކަޕް ހަދާނީ ހެލްތް މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކަށް، އެ މިނިސްޓްރީއިން ކަނޑައަޅާ ތަންތަނުން ކަމަށާއި ރާއްޖޭގައި ތިބި މީހުންގެ ތެރެއިން 1 އަހަރުގެ ތެރޭގައި މެޑިކަލް ޗެކަޕް ހަދާފައި ނުވާ ފަރާތްތަކުން 6 މަސް ދުވަހުގެ ތެރޭގައި މެޑިކަލް ޗެކަޕް ހެދަން ޖެހޭނެ ކަމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބިދޭސީއިން ރެގިއުލަރައިޒް ކުރުމުގެ މަރުހަލާގައި މެޑިކަލް ޗެކަޕް ހެދުން ލާޒިމުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވީ

ނާޒިމް އިތުރަށް ވިދާޅުވީ ބައެއް ބަލިތަކަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށްވާއިރު މުޅި ރަށް ތާހިރުކޮށް، މަދިރި ނައްތާލަން ހިންގަން ޖެހޭ މުހިއްމު ޕްރޮގްރާމްތައް ކަމާ ބެހޭ މުހިއްމު ފަރާތްތައް ގުޅިގެން ހިންގާ ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.