ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގައި އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒެއް ގާއިމް ކުރަން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުاﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ދައުލަތަށާއި ގައުމަށް ގިނަ ދުވަހު މަސައްކަތްތައް ކޮށްދިނުމަށްފަހު ރިޓަޔާ ކުރައްވާފައި ތިބި އިސްރަށްވެހިންކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

އެންމެ ފުރަތަމަ ތައްޔާރުކުރެވޭ އިސްރަށްވެހިންގެ މަރުކަޒެއްގެ ގޮތުގައި ގާއިމް ކުރުމަށް ނިންމާފައި ވަނީ ކުރީގެ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގިތަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދިހަމައެއާއެކު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމް ކުރުމަށް ކެބިނެޓުގެ ލަފަޔާއެކު ރައީސް ނިންމަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިނާކުރުމާއެކު، އެ ތަންތަނުން ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް ސްޕޯސްޓް އަދި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްރަށްވެހިންނަށް ހާއްސަ ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އެގޮތުން ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ހާއްސަކޮށް ރަނގަޅު ފެންވަރުގެ "އޯލްޑް އޭޖް ހޯމް" އެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.