އަންނަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުاﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެއާ އެމްބިއުލާންސް ހޯދުމާއި އަދި އެއާ އެމްބިއުލާންސް ތައާރަފް ކުރުމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީއިން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކަރުދާހުގައިވާ ކަންކަމަށް މަޝްވަރާ ކުރުމަށްފަހު ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ރާއްޖޭގައި ތައާރަފް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައްވުމަށް ނިންމާފައިވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން 2 އެއާ އެމްބިއުލާންސް ތައްޔާރުކޮށް އެ ހިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހެލްތް މިނިސްޓްރީ އަދި އެއާ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ހިންގަމުން ގެންދާނީ މިހާރު ވެސް އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތް މިނިސްޓްރީގެ ދަށުގައި ހިމަނާފައިވާ ޑިޕާޓްމެންޓްގެ ދަށުން ކަމަށެވެ.

ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ބަލި މީހުން އުފުލުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ބަލި މީހުން އުފުލުމުގައި އޮތް ދަތިކަން ހައްލުކޮށް ދެއްވުމަށް އެއާ އެމްބިއުލާންސް ތައާރަފް ކުރަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

ވެރިކަން ލިބިވަޑައިގަތުމުން ފަސްޓްއެއިޑްގެ ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް އެއާ އެންބިއުލަންސެއް ފަރުމާކޮށް ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޕްރޮޖެކްޓް ކުރިއަށް ދާ ގޮތަށް ބެލުމަށް ފަހު އެއާ އެމްބިއުލަންސް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.