ބޭންކް ކާޑު ބޭނުން ކޮށްގެން ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް އިތުރުކުރުމަށް 1200 ޑޮލަރަށް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރައްވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓުގެ ބައްދަލުވުމަށް ބޭންކް ކާޑުގެ ލިމިޓް އިތުރުކުރަން ހުށަހެޅުއްވީ ފިނޭންސް މިނިސްޓްރީއިން ކަމަށެވެ.

ނާޒިމް ވިދާޅުވީ ބޭންކްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ އަދަދު ލިމިޓުވެފައި އޮތުމުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދަތިތަކާ ކުރިމަތިލާ ޖެހޭ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައިދެއްްވުމުގެ ގޮތުން އިއްޔެ ކެބިނެޓުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ނާޒމް ވިދާޅުވީ މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ނެގެނީ ގިނަ ވެގެން 750 ޑޮލަރު ކަމަށާއި އެހެންނަމަވެސް އިއްޔެ ނިންމެވުމާ ގުޅިގެން 1 ފެބްރުއަރީއިން ފެށިގެން ކޮންމެ ކިޔަވާ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ކާޑުުން 1200 ޑޮލަރު ނެގޭ ގޮތަށް އިތުރުކުރުމަށް ކެބިނެޓުން ނިންމައިފި ކަމަށެވެ. އަދި އެކަމާ ގުޅިގެން އިދާރީ މަސައްކަތްތައް ކަމާ ބެހޭ ވުޒާރާތަކުން ކުރަމުންދާ ކަމަށާއި ހާއްސަ ކޮށް ފިނޭންސް މިނިސްޓްރީއިން އެމްއެމްއޭއާ ގުޅިގެން ކުރިއަށް ގެންދަން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

އެކަން ތަންފީޒުކުރަން ކެބިނެޓުގެ ލަފަޔާއި އިރުޝާދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ލިބުން ދަތިކަމަށް ހައްލު ހޯދައިދިނުމަށް ނިންމި ވަރަށްވެސް މުހިއްމު ނިންމެވުމެއް ކަމަށެވެ.

މި މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ދުވަސްވީ ކަންބޮޑުވުމެއް ކަމަށްވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒަށް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.