ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލަފައިވާ ކަން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދޮގުކުރައްވައިފިއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ކުރިއަށް އެބަދާ ކަމަށެވެ.

މިގޮތުން މިމަހު ހަ ނޫސް ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި ޕެންޑިންގައި 2 ނޫސް އިންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއަދުވެސް 'މާދަމާ' ނަމަކަށް ކިޔާ ނޫހެއް ރަޖިސްޓްރީކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ސްޕޯޓްސް އާއި ޔޫތު މިނިސްޓްރީގެ މުދާތަކެއް ބަދަލުކުރިއިރު ބައެއް ތަކެތި ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަ ފުލުހުން މިހާރު ބަލަމުންދާއިރު އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ، އާ ސަރުކާރުން އަ މިނިސްޓްރީ ތަކެއް އުފައްދާ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ އޮނިގަނޑަށް ބަދަލުތަކެއް ވެސް ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްއެވެ. މިއީ މީގެކުރިން އެހެން ތިން ވުޒާރާއެއްކަމަށްވާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުގައި އޮތް ޔޫތު، ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ދަށުގައި އޮތް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ނެޝަނަލް އާކައިވްސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މެންޑޭޓްގެ ދަށުގައި އޮތް ނޫސް މީޑިއާ ރަޖިސްޓްރީކުރުމުގެ ބައި އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، އުފެއްދެވި އާ ވުޒާރާއެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ވުޒާރާތަކުގެ ދަށުގައި ހުރި މި ވުޒާރާގެ ދަށަށް އަންނާންޖެހޭ މުވައްޒަފުންނާއި ތަކެތި ބަދަލުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެ ވުޒާރާތަކުން އިސްވެ ތިބެ ކަމަށާއި މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް މުވައްޒަފުންނާއި ތަކެތި އެ ވުޒާރާއަށް ބަދަލުކުރީ އެވުޒާރާގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން އެވުޒާރާގެ މުވައްޒަފުން ކަމަށް މިިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މިއިން އެއްވެސް މަރުހަލާއެއްގައި، ވުޒާރާއަކުން ތަކެތި ގެނައުމާއި ހަވާލުވުމުގައި މިވުޒާރާގެ އެއްވެސް ސިޔާސީ މުވައްޒަފެއް ބައިވެރިވެފައި ނުވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާކަމަށް ވުޒާރާގެ ސަމާލުކަމަށް އައި ހިސާބުން މިކަން ހިނގިގޮތް ބެލުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.