މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރަށް އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ބަހުސްގެ ސުވާލުތައް ދިން ކަމަށް ދެކެވޭ ވާހަކަތައް ޕީއެސްއެމުން ދޮގުކޮށްފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ޕީއެސްއެމުން ބުނީ، ކެންޑިޑޭޓުންނާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބަހުސްގެ ސުރުހީތައް ކެންޑިޑޭޓުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ތުހުމަތުތައް ދޮގުކޮށް ޕީއެސްއެމުން ބުނި ގޮތުގައި:

  • ބަހުސްގެ ސުވާލުތައް ކެންޑިޑޭޓުންނަށް ދުރާލާ ފޯރުކޮށްދީފައި ނުވާނެ
  • ބަހުސްގެ ސުވާލުތައް ތައްޔާރުކުރެވިފައި ވެސް ނުވާނެ

ޕީއެސްއެމުން ބުނީ، ބަހުސްގެ ސުރުހީތައް ހިއްސާކުރުން ފިޔަވައި، ސުވާލުތަކާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ހިއްސާނުކުރާ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން (ތަރުތީބުން):

  1. ޝުއައިބު އަލީ (މިނިވަން)
  2. ފުލުހުންގެ ކުރީގެ ކޮމިޝަނަރު ހުސައިން ވަހީދު (މިނިވަން)
  3. ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
  4. އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް (އެމްޑީޕީ)
  5. ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މޭޔަރުގެ މަގާމުގެ އިތުރުން، މާލޭގެ ތިން ދާއިރާއެއްގެ ކައުންސިލަރުން އާ ސަރުކާރުގެ ސިޔާސީ މަގާމުތަކާ ހަވާލުވުމާ ގުޅިގެން، އެ ތިން ދާއިރާއެއްގެ ކައުންސިލަރުކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ.

މި ހަތަރު މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށްޓަކައި ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައެވެ.