މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާ، ހުސްވެފައިވާ ހަތަރު ދާއިރާއެއްގެ ކައުންސިލު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިއްޔެ އީސީ އިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ މާފަންނު ދެކުރު ދާއިރާ، މާލެ ސިޓީ މެދުހެންވޭރު ދާއިރާ، އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިތުރުން ވ. ރަކީދޫ ކައުންސިލްގެ އަންހެން ކައުންސިލަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13، 2024 ގައި ބޭއްވުމަށް ނިންމާފައިވާކަަމަށެވެ.

އިސިއިން ވަނީ މި މާލެ ސިޓީގެ މޭޔަރުގެ އިތުރުން މި ދާއިރާތަކުގެ ކައުންސިލްތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ޑިސެމްބަރު 13، 2023 ވަނަ ދުވަހު 14:00 އާއިި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި އިންތިހާބުގައި ވާދަކުރުމަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިހާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓެއް ހުށަހަޅަންޖެހޭނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީސީ އިން ބުނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޕާޓީގެ ގަރާރުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިގުރާރުވެސް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިދާރީ ފީގެ ގޮތުގައި 1،500 ރުފިޔާ ހުށަހަޅަންޖެހޭނެކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އީސީ އިން ބުނީ އިންތިާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ ނޮވެންބަރު 27، 2023 ގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަށް ކުރިމަތިލާ ފަރާތަކީ ދިވެހި ރައްޔިތަކަށްވުން ހިމެނެއެވެ. އަދި ބޭރު ގައުމެއްގެ ރައްޔިތަކު،ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 އަހަރު ވެފައިވުން ހިމެނެއެވެ. މީގެ އިތުރުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުމާއި އަދި އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުއްޖަކާމެދު ބަދުއަހަލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް، ނުވަތަ މައާފަކޮށްފައިވާތާ 7 އަހަރު ފާއިތުވެފައިވުން ހިމެނެއެވެ. އަދި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފުކުރިތާ 3 އަހަރުވެފައިވުން ހިމެނެއެވެ.