ކާފު އަތޮޅުގެ ރައީސް ކަމުން މުހައްމަދު ނިމާލް އިސްތިއުފާ ދެއްވައިފިއެވެ.

އެކަން އިއުލާން ކުރައްވާ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނިމާލް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މިވަގުތު މާލެއިން ބޭރުގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ކަމަށެވެ.

"މިއަދު 15:00ން ފެށިގެން މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމުން ދީފިން" ޕޯސްޓުގައި ވެއެވެ. ނިމާލް ވަނީ ކާފު އަތޮޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އަތޮޅު ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް ނިމާލް ފުރުއްވަމުންދާ ޕީއެންސީގެ ނާއިބު ރައީސްކަމުގެ މަގާމުންވެސް އިސްތިއުފާ ދެއްވުމަށް ސިޓީ ހުށަހަޅުއްވާފައި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލެ އަތޮޅުގެ ވެރިކަން ކުރަމުންދަނީ ތުލުސްދޫގައި ކަމުން ކައުންސިލް އިދާރާވެސް ހުންނަނީ ތުލުސްދޫ ގައެވެ.

މީގެ ކުރިން އޭނާ ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ ވަކިކުރީ އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތު ކޮށް 2016 ވަނަ އަހަރުއެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް މިއަހަރު ކުރީ ކޮޅު ޕީޖީ އޮފީހުން ވަނީ ދައުވާވެސް އުފުލާފައެވެ.