އުންމީދަކީ މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމު ފެށުމުގެ ކުރިން ތާރު އަޅައި، އަމީނީމަގު ބޭނުންކުރެވެން ފެށިގެން ދިއުން ކަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ތިން ފަހަރެއްގެ މަތިން ތާރީހު އާ ކުރުމަށް ފަހު ވެސް ނުނިމި އޮތް އަމީނީމަގުގެ ބާކީ ސަރަހައްދު ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދިރާގުގެ މައި އިމާރާތާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގައެވެ.

އަމީނީމަގުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު މިއަދު ވިދާޅުވީ:

  • ނުނިމި އޮތް ސަރަހައްދުގެ މަސައްކަތް ނިމުމުން ދުއްވާ އުޅަނދުފަހަރަށް މަގު އިތުރަށް ފުޅާވެގެން ދާނެ ކަމަށް
  • ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ބައި މަހުގެ ޗުއްޓީއަކަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގައެވެ.

އަމީނީމަގުގެ ބާކީ ނުނިމި އޮތް ސަރަހައްދު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ވަނީ ބަދަލު ގެނެސްފައެވެ.