އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން 6 މަސްކުރިން އިސްތިއުފާ ދޭން ޖެހޭކަމަށް ވާހަކަ ދައްކާތީ ހައިކޯޓުގެ ހުކުމަކާ ހަވާލާދީ އެކަން ސިވިލް ސާވިސް ކޮމިޝަނުން ސާފުކޮށްދީފިއެވެ.
ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މީގެ 11 އަހަރު ކުރިން 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ސިވިލް ސާވިސް އިން މީގެ ކުރިން ވަކި އިރުޝާދެއް އާންމު ކޮށްފައި ނުވުމުން ގިނަ ބަޔަކަށް އެކަން އޮތީ އޮޅިފައެވެ. މީގެ ކުރިން ސިވިސް ސާވިސް މުވައްޒަފަކު އާންމު އިންތިހާބެއްގައި ވާދަކުރާނަމަ 6 މަސްކުރިން އިސްތިއުފާދޭން ޖެހޭނެ ކަމަށް އޮތް މާއްދާ ހައިކޯޓުން ބާތިލުކުރިކަން ސިވިލް ސާވިސް ކޮމިޝަނުން ރޭ ވަނީ ހަނދާންކޮށްދީފައެވެ.
ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ސިވިލް ސާވިސްގެ ގާނޫނުގައި، ސިވިލް ސާވިސްގެ މުވައްޒަފަކު އާންމު އިންތިހާބަކަށް ކުރިމަތިލާން ބޭނުންނަމަ އެ އިންތިހާބު ބޭއްވުމުގެ 6 މަސް ކުރިން ވަޒިފާއިން އިސްތިއުފާދޭން އޮތް އޮތުމަކީ އެ މިންވަރަށްވުރެ ކުޑަކޮށް އެ ހައްގު ހިފަހައްޓައިގެންވެސް އެ ހައްގު ހިފެހެއްޓުމުގެ މަގުސަދު ހާސިލް ކުރެވެން އޮތް ކަމެއް ކަމަށެވެ.
ހައިކޯޓުން ބުނީ އެއީ ސިވިލް ސާވިސް މުވައްޒަފަކު އާންމު އިންތިހާބެއްގައި ވާދަކުރުމަށް ކުރިމަތިކޮށްފައިވާ ގަބޫލު ނުކުރެވޭފަދަ ހުރަހެއް ކަމާއި އެހެންކަމުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ 6 މަސް ދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންވާނެކަމަށް އޮތް އޮތުމަކީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާ ތައާރުޒުވާ އަދި ގާނޫނުއަސާސީގެ އެ މާއްދާގެ ދަށުން ބާތިލް ކަމެއްކަމަށް ހުކުމް ކުރާ ކަމަށެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ އާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ 6 މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ ކަމަށާއި މަގާމުން އިސްތިއުފާ ނުދީހުރެ އިންތިހާބަކަށް ކުރިމަތިލައިފިނަމަ އެ މުވައްޒަފަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސާވިސް ގާނޫނު ބުނާ ކަމަށެވެ.
އެހެންނަމަވެސް އެކަމަށް ހައިކޯޓުން ފަރުވާއެއް ދީފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފަކު އިންތިހާބުގައި ވާދަކޮށް ނުހޮވުނަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން އަލުން އަނބުރާ ކުރިން ހުރި ވަޒީފާއަށް ދިޔުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ސިވިލް ސާވިސްގެ ވަޒީފާއެއްގައި އުޅޭތޯ އަދި ނޫޅޭތޯ އިލެކްޝަން ކޮމިޝަނުން ނުބަލާނެ ކަމަށެވެ. އެހެންނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފުން ސިވިލް ސާވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ސިވިލް ސާވިސް ކޮމިޝަނުން ބަލާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.