ވެބްސައިޓްތައް ބްލޮކް ކުރުމަކީ ހިޔާލު ފާޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްއިން ބުނީ ހަބަރު ގެނެސްދޭ އޮންލައިންކޮށް ހިންގާ ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ އޮންލައިން ނޫސްތަކަށް ނުވަދެވޭގޮތް ހަދާފައިވާތީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓާނެޓް ސެންސާޝިޕްގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ދޭކަމަށް އެ ޕާޓީއިން ބުނެއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީއިން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރަށް ކަމަށް އެ ޕާޓިއިން ބުނެއެވެ. އެ ބާރު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އެ ޕާޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބްލޮކް ކޮށްފައި ވަނީ ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކާއި ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔާ ލިޔުންތައް ޝާއިއު ކުރާ 2 ވެބްސައިޓެއް ކަމަށް ވާ 'ދިޔަވަރު.ކޮމް' އަދި 'ކުރުސީ.ކޮމް' އެވެ. މި 2 ސައިޓުގައި ސަރުކާރަށް ފާޑުކިޔާ ލިޔުންތަކެއް ޝާއިއު ކޮށްފައި ވާއިރު މިއީ ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކެއް ނޫނެވެ.
ސަރުކާރުގެ މި އަމަލާ ގުޅިގެން ރައްޔިތުން އަންނަނީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ މިނުގައި ހޯދަދިނުމަކީ 'މިއީތޯ' [ބަންދު ކުރުން ތޯ] ސުވާލު އުފައްދަވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މާނާގައި ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގެ ތެރޭގައި ވެސް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބަންދު ކޮށް ނުވަތަ ބްލޮކް ވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.