ސަރުކާރާ ދެކޮޅަށް ލިޔުންތައް ޝާއިއު ކުރާ 2 ވެބްސައިޓްއެއް ބްލޮކްކުރުމާއެކު އާންމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
ބްލޮކް ކޮށްފައި ވަނީ ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކާއި ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔާ ލިޔުންތައް ޝާއިއު ކުރާ 2 ވެބްސައިޓެއް ކަމަށް ވާ 'ދިޔަވަރު.ކޮމް' އަދި 'ކުރުސީ.ކޮމް' އެވެ.
މި 2 ސައިޓުގައި ސަރުކާރަށް ފާޑުކިޔާ ލިޔުންތަކެއް ޝާއިއު ކޮށްފައި ވާއިރު މިއީ ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކެއް ނޫނެވެ.
ސަރުކާރުގެ މި އަމަލާ ގުޅިގެން ރައްޔިތުން އަންނަނީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ މިނުގައި ހޯދަދިނުމަކީ 'މިއީތޯ' [ބަންދު ކުރުން ތޯ] ސުވާލު އުފައްދަވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މާނާގައި ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގެ ތެރޭގައި ވެސް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބަންދު ކޮށް ނުވަތަ ބްލޮކް ވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.
އެ ދެ ސައިޓު ބްލޮކް ކުރުމުން އެމްޑީޕީގެ ޗެޕާސަން ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި އެލާމިން ސިގްނަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓް ތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއް ބަންދު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާ އިރު ބައެއް ސައިޓުތައް ވަނީ ބްލޮކޮ ކޮށްފައެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަން ފާހަގަ ކުރައްވައި ކުރިއަށް ތަނުގައި އެފަދަ ހުރިހާ ވެބްސައިޓް ތަކެއްގައި ތަންޑު އަޅުވާ ބަންދު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.