ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އެކުލެވޭ މާލިއްޔަތު ކޮމިޓީން ވަނީ ރައީސް އާއި ނައިބު ރައީސް އާއި މަޖިލިހުގެ މެންބަރުންގެ އިތުރުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް އަލުން ރިވިއުކޮށް، އެ މުސާރަތައް ބޮޑު ކުރުމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން މިރޭ ކަންގަތި 2023 އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. ރައީސް ކުރެއްވި ސުވާލު ތަކަކީ، އެއްވެސް ކަމެއް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟ ދިވެހި އާންމު ރައްޔިތު މިހާއަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުލުމުގެ ހައްގުތޯ؟ ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟ މި ތިން ސުވާލެވެ.

އެކަން އެއްވެސް ވަރަކަށް ގަބޫލު ކުރަން ދަތިފުޅުވާ ކަމަށާއި ގަބޫލު ނުވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. "ފުރާވަރު ކުދިން އުފާލުގައި އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. އާ ކައިވަނީގެ ގުޅުންތައް ހަރުދަނާވެ ރީތި ގެޔެއްގައި ތަހުޒީބު ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. ޒުވާނުންނާއި ދުވަސްވީ އިސްރަށްވެހީން ސަމާސާކޮށްލާ އިހްތިރާމާ ކަމޭ ހިތުމާއެކު އުޅޭތަން ދެކެން ވެސް އަޅުގަނޑު ޝައުގުވެރިވަން.". ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ހުވާކުރެއްވީ ދިވެހި ރައްޔިތުންނަށް އަމަާނާތްތެރިވާން ކަމަށާއި، އަދި ދިވެހިންނަށް ހައްގުވާ ގެދޮރާއި، ދިވެހިންނަށް ލިބެން ޖެހޭ އިއްޒަތާއި ގަދަރު ވަރަށް މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ 80،000 ރުފިޔާ އަށް ބޮޑުކުރަން ފާސްކޮށްފައެވެ. އެ ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރުފިޔާ ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 100،000ރުފިޔާ ޖެހެ އެވެ.

އަދި މި މުސާރަތައް ބޮޑު ކުރަން 500 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން މަޖިލިހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ.

ކޮމިޓީން މިގޮތަށް ފާސް ކުރަން ނިންމި ނަމަވެސް މިކަމުގެ ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނަގާ ވޯޓާއެކު އެވެ. ކޮމިޓީގެ މި ނިންމުމާ ގުޅިގެން އާންމުންދަނީ ފާޑު ކިޔާ ނުރުހުން ފާޅު ކުރަމުންނެވެ.