އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހުގައިވަނީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް ހެދުމަށް އިސްލާހުވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް އިސްލާހު ހުށަހަޅާފައިވާއިރު ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެގޮތުން ނައިބު ރައީސުންނަށް މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖެ އާއި ބޭރު ގައުމުތަކުން ދައުލަތުގެ ހަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާއިރުނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެ ކަމަށް ވަނީ ހުށަަހަޅާފައެވެ.

އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހަށް ހާޒިރުވެތިއްބެވި 68 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ އެ ބިލަށް ތާއީދުކުރައްވާފައެވެ.

މި ގާނޫނު އިސްލާހު ކުރުމުގެ ކުރިން އޮންނަ ގޮތުން ދެ ދައުރަށްވުރެ ކުރު މުއްދަތަކަށް ވެރިކަންކުރެއްވި، ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ ދިރިއުޅޭނެ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާއެވެ. މިއަދު ފާސްކުރީ އޭގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ހިމަނާފައިވާ 175،000ރ. ބަޔާންކުރާ ބައި ގާނޫނުން އުވާލުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެއެވެ. އާ އިސްލާހާއެކު ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް ނަސީމަށް އެކަނިކަން ފާހަގަކޮށްލެވެއެވެ.