ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމައްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅަކަށް ނުވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ. ދެ ދުވަހުގެ ކުރު މުއްދަތަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެ ކަނބަލުން ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ރައީސް ވަނީ އާއިލާއާއެކު ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައެވެ. ނަމަވެސް މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ.

ރައީސްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅުތަކުގައި ވަނީ ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާއަށް ވެސް ވަޑައިގެންފައެވެ.