ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޔޯ ވޮއިސް، ޔޯ ވޯޓް، ޔޯ ފިއުޗާ" ލީޑަޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
30 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މި ހާއްސަ ވޯކްޝޮޕުގައި ޖުމްލަ 117 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މުހިންމު ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންގެ ލީޑަޝިޕް، ރެފަރެންޑަމްއަށް ހޭލުންތެރިކުރުވުމުގެ އިތުރުން ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރުގެ މައްޗަަށެވެ.
"ޒުވާނުންގެ ލީޑަޝިޕް" މި ސެޝަންގައި، ޒުވާން ލީޑަރަކަށް ވުމަށް ބޭނުންވާ ސިފަތަކާއި، ލީޑަޝިޕްގެ ދަތުރުގައި އަމިއްލަ ވަންތަކަން ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ކޮންމެ ޒުވާނެއްގެ އަޑަކީވެސް މުހިންމު އަދި ބާރުގަދަ އެއްޗެއްކަން ބައިވެރިންނަށް ވަނީ ކިޔާދީފައެވެ.
"ރެފަރެންޑަމް އަށް ހޭލުންތެރިކުރުވުން" މި ސެޝަންގައި، ރެފަރެންޑަމްއަކީ ކޮބައިކަމާއި، އޭގައި ބައިވެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ހާއްސަކޮށް އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނަގާ ވޯޓުގެ މުހިންމުކަމާއި، އެ ވޯޓުގައި 'އާނއެކޭ' ބުނުމުން ލިބޭނެ ފައިދާތަކާއި، ޒުވާނުންގެ ނިންމުންތަކުން މުސްތަގްބަލަށް ކުރާނެ އަސަރުތަކުގެ މައްޗަށް އަލި އަޅުވާލާފައި ވެއެވެ.
"ސިޔާސީ ދާއިރާގައި ޒުވާނުން" މި ސެޝަންގައި، ކުރިއާ އަޅާބަލާއިރު މިހާރު ޒުވާނުންނަށް ސިޔާސީ ދާއިރާއިން ލިބެންހުރި ފުރުސަތުތަކުގެ މައްޗަށް މަޝްވަރާކޮށްފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތާއި، ޒުވާނުންގެ މުސްތަގްބަލަށްޓަކައި ކުރައްވާ މަސައްކަތްތައް ބައިވެރިންނާ ހިއްސާކުރިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
ޔޫތް އެޑްވައިޒަރީ ބޯޑުން ހާމަކުރި ގޮތުގައި، މި ވޯކްޝޮޕްގެ ސަބަބުން ފޯރުކޮށްދޭން ބޭނުންވި މެސެޖުތައް ހުރިހާ ބައިވެރިންނަށް ވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދީފައެވެ. ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑަކީ ޒުވާނުންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން އެކުލަވާލި ބޯޑެކެވެ.
