އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ޖަރީމާއެއް ކަމަށާއި އަދަބެއްގެ ގޮތުން އިޒްރޭލުގެ ދިދަޖެހި އެއްވެއް އުޅަނދަކަށް މެލޭޝިއާއަށް ނުވަދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، މި ނިންމުމާއެކު އިޒްރޭލުގެ ދިދަ ޖެހި އެއްވެއް ކާގޯ ބޯޓަކަށް ދެން މަލޭޝިއާގައި ބަނދަރު ނުކުރެވޭނެ ކަމަށާއި މިއީ އިޒްރޭލުން ހިންގަނީ ގަތުލުއާންމަށް ދޭ އަދަބެއް ކަމަށެވެ.

މި ނިންމުމާއެކު އިޒްރޭލަށް ދަތުރުކުރާ ބޯޓުފަހަތު މެލޭޝިއާގައި ބަނދަރުކޮށް ލޯޑް ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މެލޭޝިއާ އަކީ އިޒްރޭލާ ސިޔާސީ ގުޅުން ގާއިމު ކޮށްފައި އޮންނަ ގައުމަކަށް ނުވާ އިރު އެގައުމުގެ އާބާދީގެ 60 ޕަސެންޓަކީ މުސްލިމުންނެވެ. އަދި ޕަލަސްތީންގެ މައްސަލައިގައި މެލޭޝިއާއިން މީގެ ކުރިންވެސް ދަމަހައްޓަމުން އައިސްފައިވަނީ 2 ދައުލަތް ގާއިމު ކުރުމުގެ ސިޔާސަތު ކަމަށް ވާއިރު މިހާރުވެސް އެގައުމުގެ ސިޔާސަތަކީ އެއީއެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ޖެހިގެން އައި ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާ ދެން ފެށިފަހުން މިހާތަނަށް 20،000 މީހުން ޝަހީދު ކޮށްލާފައި ވާ އިރު، ބޯފެނާއި، ކާބޯތަކެއްޗާއި ބޭހާއި އަސާސީ އެހެން ހުރިހާ ހިދުމަތަކުން އެ މީހުން ވަނީ މަހުރޫމް ކޮށްފައެވެ. 2.3 މިލިއަންގެ އާބާދީއެއްގެ ތެރެއިން 10 ޕަސެންޓް މީހުންނަށް ވެސް މިހާރު ބޯފެން ފޮދެއް ނުލިބޭއިރު އދ ގެ އިދާރާތަކުން ވަނީ އެއީ ލާއިންސާނީ ކާރިސާއެއް ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.

އިޒްރޭލުގެ އުދުވާނާ ހެދި ގާޒާގެ ރައްޔިތުން ހާލުގައި ޖެހިފައި ވާއިރު، ބައިނަލްއަގުވާމީ އެކިއެކި ގައުމުތަކާއި ޖަމާއަތްތައް ފަދައިން މެލޭޝިއާއިން ވެސް ވަނީ އެތައް މިލިއަން ޑޮލަރެއްގެ އެހީ ފޯރުކޮށްދީފައެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރަކީ، ފާޅުކަން ބޮޑުގޮތެއްގައި ފަލަސްތީނަށް ތާއީދު ކުރައްވާ ވަކާލާތު ކުރައްވާ ވެރިއެއްވެސް މެއެވެ.