ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމާ ދެކޮޅަށް ދަ ޑިމޮކްރެޓްސް އިން 3-ލައިން ވިޕެއް ނެރެފިއެވެ.

މިއީ ދަ ޑިމޮކްރެޓސްއިން ނެރުނު ފުރަތަމަ ވިޕްކަމަށް ވާއިރު، އެ ޕާޓީއިން ބުނީ ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ކުންފުނިތަކުގެ ވެރިންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަ އިތުރަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއިން ނިންމުމަކީ ނުހަނު ލަދުވެތި އަދި އެހާމެ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާލިއްޔަރު ކޮމިޓީއިން އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ އިގްތިސޯދު ވަރަށް ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް ކަމަށާއި ހުސްވި ހަފްތާގައި ފާސްކުރި ޑެފިސިޓް ބޮޑު 2024 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ފޫބައްދަން ފައިސާ ހޯދޭނެ ގޮތްވެސް ކަށަވަރު ނުވާކަން އެނިގިތިބެކަން އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުން، މާލިއްޔަތު ކޮމިޓީގެ އެ ނިންމުމާ ދެކޮޅު ހަދާފައިވާއިރު އެ ނިންމުން ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ރައީސަށް އެ ޕާޓީއިން ވަނީ އިލްތިމާސްކޮށްފައެވެ. ބޮޑު އަގުލަބިއްޔަތެއް ކޮމިޓީގައި އަދި މަޖިލީހުގައި އޮތްނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތައް ނިންމާއިރު ޒިންމާދާރުވުމަށް ވެސް އެ ޕާޓީއިން ވަނީ އެމްޑީޕީއަށް އިލްތިމާސްކޮށްފައެވެ.

އެ ޕާޓީއިން އިތުރަށް ބުނީ ދައުލަތުގެ އޮނިގަނޑު ބިޔަކަމާ ބުރަކަން ފިލުވުމާއި ރައްޔިތުންގެ މަޖިލިސް ބޮޑުވަމުން ބިޔަވަމުން ދާދިޔުން ކޮންޓްރޯލްކޮށް މިހާރަށްވުރެ ކުޑަ އަދި މުޅި ރާއްޖެ ތަމްސީލުވާ މަޖިލީހެއް އުފެއްދުމަކީ އެ ޕާޓީގެ އަބަދުވެސް ވަކާލާތު ކަމަށެވެ.

ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރީ އެމަނިކުފާނާ މަޝްވަރާކުރުމެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި މުސާރަ ބޮޑުކުރަން ބޭނުންވެވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއް ކުރުމެެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރި އެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރުން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.