ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ސޯލިހު ފޮނުއްވި ސިޓީ މި ސަރުކާރުން ހާމަކޮށްފިއެވެ.
އެކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ޗާގޯސް މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށާއި އެ ނިންމުން ދިރާސާކޮށް، އެ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށެވެ.
ހާއްސަ ބަޔާނަކާއެކު ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ސިޓީ އަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމަށްފަހު މިދިޔަ ސަރުކާރުގައި ލީކުވި ކަމަށް ބުނާ ސިޓީއެވެ. ސިޓީ ލީކުވުމާއެކު ރައީސް އޮފީހުން އޭރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އެއީ ސައްހަ ސިޓީއެއް ކަން ކަށަވަރު ކޮށްދީފައެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ.
އޭރު ސިޓީ ލީކުވުމުންވެސް އެ ސިޓީގެ ސައްހަ ކަމާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައި ހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން އޭގެ ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.
ސޯލިހުގެ ވެރިކަމުގައި މީގެ ކުރިން އެ ސިޓީ ހޯދުމަށް ގިނަ ބަޔަކު މަސައްކަތްތަކެއް ކުރި ނަމަވެސް އޭރު ރައީސް އޮފީހުން ބުނީ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމުން ހާމަ ކުރެވެން ނެތް ކަމަށެވެ.