ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓޭމާ ނިންމެވި ނިންމެވުމަށް، ކޯޓު ހުކުމަކާ ގުޅިގެން ބޮޑު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ކޯޓުގެ ފަނޑިޔާރު ޖޭމްސް ލޫވިސް ކުރެއްވި މި ތާރީހީ ހުކުމުގައިވަނީ، 1960 ގެ އަހަރުތަކުގައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި މީހުންނަށް އަނބުރާ އެތަނުގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މިކަމާ ގުޅިގެން ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިއީ ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަމުން ގެންދަވާ ބޮޑުވަޒީރު ސްޓޭމާ އަށް ލިބުނު އިތުރު ނާކާމިޔާބީއެއް ކަމަށާއި، އެމެރިކާއާއި އިނގިރޭސިވިލާތުގެ މުހިންމު އަސްކަރީ މަރުކަޒެއް އޮންނަ ޑިއޭގޯ ގާސިއާ ހިމެނޭހެން ޗާގޯސްގެ މުސްތަގުބަލާ މެދު އޭނާ ކުރައްވާ މަސައްކަތުގެ ސަބަބުން ފާއިތުވި 60 އަހަރުގެ ގާނޫނީ ނިންމުންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ.
އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން އެ އަސްކަރީ މަރުކަޒު ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މި އެއްބަސްވުމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ އިތުރުން މި ހުކުމުގެ ސަބަބުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން މުޅިން އުވާލަން ޖެހުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ މި އަހަރުގެ ކުރީކޮޅު ޗާގޯސްގެ ހަތަރު މީހަކު އެމީހުންގެ ވަޒަން އަނބުރާ ހޯދުމުގެ މަގުސަދުގައި އެތަނުން ރަށަކަށް އެރުމުން، އެ ސަރަހައްދުގެ ގަވަރުނަރު އެމީހުން ބޭރުކޮށްލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. މީގެ ތެރެއިން އެކަކު ކަމަށްވާ އަދި އަރުވާލެވިފައިވާ ޗާގޯސް ސަރުކާރުގެ ފަސްޓް މިނިސްޓަރުގެ ގޮތުގައި އިންތިހާބުވި ލޫއީ މިސްލީ މެންޑަރިން ކޯޓުގައި ބުނީ އެމީހުން އަނބުރާ ވަޒަނަށް ދާން ބޭނުންވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި، މި ދަތުރަކީ އެކަން ސާބިތުކޮށްދިނުމަށް ކުރި ދަތުރެއް ކަމަށެވެ.
ފަނޑިޔާރު ލޫވިސްގެ މި ހުކުމާއެކު، ޗާގޯސްގެ ރައްޔިތުން އެނބުރާ އެ ރަށްތަކަށް ދިޔުން ހުއްޓުވުމަށްޓަކައި 2004 ވަނަ އަހަރު ޓޯނީ ބްލެއާގެ ސަރުކާރުން އެކުލަވާލި ގާނޫނާއި، މީގެ ކުރިން "ލޯ ލޯޑްސް" އިން ނިންމާފައިވާ ނިންމުންތައް ވަނީ ބާތިލުވެފައެވެ. ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ގައުމީ ސަލާމަތަށްޓަކައި އެ ރަށްތަކުގައި މީހުންނަށް ދިރިނޫޅެވޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ އުޒުރު މިހާރު ބާތިލެވެ. ސަބަބަކީ، މޮރިޝަސްއާއެކު ވެފައިވާ އާ އެއްބަސްވުމުގެ ދަށުން އެ ރަށްތަކުގައި މީހުން އާބާދުވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކޮށްފައި ވާތީއެވެ.
އަދި މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އިނގިރޭސި ޓެކްސް ދައްކާ ރައްޔިތުންގެ އަތުން ގާތްގަނޑަކަށް 51 ބިލިއަން ޕައުންޑް ހޭދަވާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޗާގޯސްގެ ރައްޔިތުން އަނބުރާ ގެންދިއުމަކީ މާ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ބުނެ ދައްކާ އުޒުރުވެސް މިހާރު ބާތިލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗާގޯސްގެ ރައްޔިތުންގެ ވަކީލު ޖޭމްސް ޓަމްބްރިޖް ވަނީ މިއީ އިންސާފުވެރި ކަމާއެކު އަޑުއެހުންތައް ކުރިއަށް ގެންދިއުމުން ނުކުންނާނެ ނަތީޖާއެއް ކަމަށާއި، އިނގިރޭސި ރައްޔިތުންތަކެއް އެމީހުންގެ އަމިއްލަ ބިމުން މަޖުބޫރުން ބޭރުކޮށްލުމަކީ ދުވަހަކުވެސް ހުއްދަވާންޖެހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިއަދަކީ އެ ނުބައިކަން އިސްލާހުކުރަން ފެށުނު ދުވަސް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
