އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮންނަ ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލުކުރުން އިނގިރޭސި ސަރުކާރުން މަޑުޖައްސާލައިފިއެވެ.
މިކަން މަޑުޖައްސާލާފައިވަނީ ޗާގޯސް މޮރިޝަސްއަށް ދިނުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން މި ބިލުގެ މަސައްކަތް މަޖިލީހުގައި މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތުން ފަހަތަށް ޖެހެން މަޖުބޫރުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމާ ފާޅުގައި ދެކޮޅުހައްދަވާ، ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޗާގޯސް މޮރިޝަސްއަށް ދިނުމަކީ އިނގިރޭސިވިލާތުން ހަދާ ވަރަށް ބޮޑު “ގޯހެއް” ކަމަށާއި، އެއީ “މޮޔަ” އަމަލެއް ކަމަށެވެ.
މި ބިލަކީ ޗާގޯސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ އަހަރަކު 101 މިލިއަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރަށް އެމެރިކާއާއި އިނގިރޭސިވިލާތަށް ބޭނުންކުރެވޭ ގޮތަށް ބާއްވާ، އެހެން ރަށްތައް މޮރިޝަސްއަށް ދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ.
މި ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ބިލު ފާސްވެއްޖެނަމަ 1966 ވަނަ އަހަރު އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ މުހިންމު އެއްބަސްވުމަކާ ހިލާފުވާނެއެވެ. އެ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގައި ވަނީ އެ ދެ ގައުމުގެ ގުޅިފައިވާ ބޮޑު މިލިޓަރީ ބޭސްއެއް ގާއިމުކޮށްފައެވެ. މިއީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން ބޭނުންކުރާ ވަރަށް މުހިންމު މަރުކަޒެކެވެ.
ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭން ވެސް ވަނީ މޮރިޝަސްއަށް އެތަން ދިނުމާ ދެކޮޅުހަދާ އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އެކަން އަންގާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލާނަމަ، އެތަން ލިބުން އެންމެ ހައްގު ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
ޗާގޯސްއާ އެންމެ ކައިރީގައި އޮތް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވަވާ ރައީސް ވިދާޅުވީ ޑިއޭގޯ ގާސިއާ އާއި ރާއްޖެއާ ދެމެދު ހުރީ އެންމެ 310 މޭލު ކަމަށާއި، މޮރިޝަސް އޮންނަނީ 1،300 މޭލު ދުރުގައި ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ގާނޫނީ މަސައްކަތްތަކެއް ފަށާފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީވެސް މި ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ ޗާގޯސް ރާއްޖެއަށް ލިބިއްޖެނަމަ އެމެރިކާގެ އަސްކަރީ މަރުކަޒު އެތާނގައި ބޭއްވުމަށް ޓްރަމްޕްގެ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރައްވާފައެވެ.
