ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ 'ދަ ޓެލެގްރާފް' ނޫހަށް މައުލޫމާތު ދީފައިވާ ގޮތުން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ދިވެހި ސަރުކާރުން އަންނަނީ ބަލާ ދިރާސާ ކުރަމުންނެވެ.

އެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސަރަހައްދީ ހައްގުތައް މާ ވަރުގަދަވާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ތަރުޖަމާނު ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި:

  • އިނގިރޭސި ވިލާތުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށް
  • ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ އަދި ހާރިޖީ ގޮތުން ކުރެވެން އޮތް އެއްވެސް ކަމެއް ރާއްޖޭން ދޫކޮށްނުލާނެ
  • ދިވެހި ރައްޔިތުންގެ ސިޔާދަތީ ހައްގުތަކާއި ކަނޑުގެ ސަރަހައްދުގެ މަސްލަހަތުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ
  • މި މައްސަލައާއި ގުޅޭ ފުރިހަމަ ގާނޫނީ ރިވިއުއެއް ދަނީ ހަދަމުން
  • އިނގިރޭސި ސަރުކާރާ އެކު ޑިޕްލޮމެޓިކް ގޮތުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

ޗާގޯސް މައްސަލައިގައި އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ރާއްޖެއާ އެކު ހާރިޖީ ގުޅުންތަކެއް މެދުކަނޑާލުމަށް މޮރިޝަސްގެސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ.

އެ ނިންމުމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދޭފައިވާ ކަމަށާއި އިނގިރޭސި ސަރުކާރާއެކު އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒުކުރާކަން ވަނީ ފާހަގަކޮށްފައެވެ.

ޗާގޯސް އިން މި ނިންމުން ނިންމާފައިވާއިރު މިކަމާ ގުޅިގެން އަދި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާތީ ބައިނަލްއަގްވާމީ މާހިރުންގެ ލަފާއާއެކު އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.

މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ދަނީ ކުރިއަށެވެ. އެކަމަކު، ސްޓްރެޓީޖިކް ގޮތުން ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށާއި އިނގިރޭސިވިލާތަށް އޮންނާނެއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ދެ ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހުއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.