ޗާގޯސް މައްސަލާގައި ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އެކަމާ ގުޅިގެން މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ވިދާޅުވީ ޗާގޯސް މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފހާ ހަވާލުކޮށްފައިވާ ކަމަށާއި އެ ނިންމުން ދިރާސާކޮށް، އެ މައްސަލައާ ގުޅިގެން ދެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައާ ގުޅޭ ކަމާ ބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެ ލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާއި އެ މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ރާއްޖެއާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި މި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެއްލެމުގެ ދަށުން ކަމަށާއި އެ ކޮމިޓީގައި ޑިފެންދް މިނިސްޓްރީއިން އައްޔަންކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާއާއި ފޮރިން މިނިސްޓްރީއިން އައްޔަންކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަހުމަދު ޝިއާން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ އެ ކޮމިޓީގައި އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ކަމަށެވެ.

މި މައްސަލާގައި ކުރީގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގެ ކޮޕީއަކާއި އެ ސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވި ސިޓީފުޅުވެސް ބަންޑާރަ ނައިބުގެ އޮފީހަށް ހިއްސާކުރައްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވާފައިވާ ސިޓީގައިވާ އިބާރާތަށް ބަލާއިރު ރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވާ ކަމުގައިވީނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކާއި މި މައްސަލައިގައި އައްޔަނުކޮށްފައިވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިއާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސްއަށާއި ރައްޔިތުންގެ މަޖިލހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު އޮފީހުން ނިންމާފައިވާ ކަމަށެވެ.

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ސޯލިހު ވަނީ ސިޓީފުޅެއްވެސް ފޮނުވާފައެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 22 ގައި ކުރީގެ ރައީސް ސޯލިހު ފޮނުއްވި އެ ސިޓީ ހޯދަން ގިނަ ބަޔަކު މަސައްކަތްތަކެއް ކުރި ނަމަވެސް ރައީސް އޮފީހުން ބުނެފައިވަނީ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމުން ހާމަ ކުރެވެން ނެތް ކަމަށެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރީގެ ރައީސް ސޯލިހު ނާކާމިޔާބުވެވަޑައިގެންނެވި ފަހުން އެ ސިޓީ ވަނީ ލީކުވެފައެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން އޭެުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.