ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހައްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން ބުނީ 1445 ވަނަ އަހަރު ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއަށް، މީހުން ހައްޖަށް ގެންދިއުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމާ ގުޅިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ.

މިގޮތުން 1445 ވަނަ އަހަރުގެ ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން 09 ނޮވެމްބަރ 2023 އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުން ޖާގައަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 31، 2023 ވާ އާދިއްތަ ދުވަހުގެ 14:00އެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ރަސްމީ ހައްޖު ކޯޓާތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައިވަނީ ހައްޖަށް ދިއުމަށް ރާއްޖޭގެ ގިނަ ބަޔަކު ފައިސާ ދައްކާ ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ހައްޖަށް ދިއުމަށް ނަގާ މުއްދަތު ދިގުލައިގެން ދިޔަ ނުދީ އެ މަރުހަލާ ހަލުއިކުރުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.