ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ހާޖީން އަރަފާތަށް ދާން ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. މިނިސްޓަރު މިއަދު ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެކަކު ފިޔަވާ އެހެން ހުރިހާ ހާޖީން ވެސް އަރަފާތު ބިމަށް ގޮސްފައިވާ ކަމަށެވެ. ނުދެވި ވަނީ ބަލިވެ އެޑމިޓްކޮށްފައިވާ ހާޖީއެއް ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވިއެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ހާޖީވެސް މިހާރު ވަނީ އަރަފާތު ބިމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ހާޖީންގެ ވެސް ހާލު ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަރަފާތުގައި ހުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާއިރު އަރަފާތު ބިމަށް ނުދެވިއްޖެ މީހަކަށް ހައްޖު ލިބިގެން ނުވެއެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާއިރު ހުރިހާ ހާޖީން މިރޭ މުޒްދަލިފާއަށް ނުކުންނާއެވެ. ހައްޖު ދުވަހުގެ ރޭ މުޒްދަލިފާގައި ރޭކުރުމަކީ ހައްޖުގެ އިތުރު ވާޖިބެކެވެ. މުޒްދަލިފާގައި ރޭކުރާއިރު ޖަމްރާތަކަށް އުކަން ހިލަ ހޮވަން ޖެހޭނެ އެވެ. އެއީ ޖުމްލަ 49 ހިލަކޮޅެވެ.
