ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން، އެކަކު ފިޔަވައި ހުރިހާ ހާޖީން އަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ހާޖީން އަރަފާތަށް ދާން ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. މިނިސްޓަރު މިއަދު ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިވަގުތު އަރަފާތު ބިމަށް ނުދެވުނީ މިނާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަ ހާޖީއަކަށް ކަމަށެވެ.

"އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްހަމްދު ލިﷲ،" ޝަހީމް ވިދާޅުވިއެވެ.

އަރަފާތުގައި ހުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާއިރު އަރަފާތު ބިމަށް ނުދެވިއްޖެ މީހަކަށް ހައްޖު ލިބިގެން ނުވެއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާއިރު ހުރިހާ ހާޖީން މިރޭ މުޒްދަލިފާއަށް ނުކުންނާއެވެ. ހައްޖު ދުވަހުގެ ރޭ މުޒްދަލިފާގައި ރޭކުރުމަކީ ހައްޖުގެ އިތުރު ވާޖިބެކެވެ. މުޒްދަލިފާގައި ރޭކުރާއިރު ޖަމްރާތަކަށް އުކަން ހިލަ ހޮވަން ޖެހޭނެ އެވެ. އެއީ ޖުމްލަ 49 ހިލަކޮޅެވެ.