ރައްޔިތުންގެ މަޖިލީހުގެ އިވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ޝިފާއުއަށް އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށެވެ
މީގެއިތުރުން މެންބަރު ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިފާއީ ވުޒާރާގައި އެދިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.
އެމްޑީޕީގެ މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ އެ ޕާޓީއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.އަދި އެ މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.
އެމްޑީޕީއިން ބުނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވާ އިރު، އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެ މެންބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއްކަން ފާހަގަކޮށް އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލާފައެވެ.