ރާއްޖޭގައި ތިބީ ބަންގްލަދޭޝްގެ 90،624 މީހުން ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބަންގްލާދޭޝް އަށް ނިސްބަތްވާ ލޭބަރުން (މަސައްކަތް ކުރާ މީހުން) ގެނެއުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމީވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 ކަމަށެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،624 މީހުން ކަމަށް އެންމެފަހުގެ ބޯޑާ ކޮންޓްރޯލް ރިޕޯޓަށް ބަލާއިރު އެނގޭ ކަމަށާއި ރާއްޖޭގައި ތިބި މީހުންގެ އަދަދު ގަވާއިދާ އެއްގޮތަށްވެސް އަދި ގަވާއިދާ ހިލާފަށްވެސް ރާއްޖެއަށް ވަދެ ނިކުމެ ހަދާ މީހުންގެ އަދަދު ބަލަހައްޓަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ކަމަށްވާއިރު އެއީ ރާއްޖޭގައި ތިބި ޖުމްލަ ބަންގްލަދޭޝް މީހުންގެ އަދަދު ކަމަށެވެ.

139،220 ބަންގްލަދޭޝް މީހުން ރާއްޖޭގައި ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފެންނަން އޮތުމުން އެކަމާ ގުޅޭ ގޮތުން އިހުސާން ވިދާޅުވީ އެއީ އެކްޓިވް ވޯކްޕާމިޓުގެ އަދަދުތައް ކަމަށާއި ކެންސަލް ނުކޮށް ހުރި ކޮންމެ ވޯކްޕާމިޓަކީ އެކްޓިވް ވޯކްޕާމިޓް ކަމަށެވެ. އަދި ބައެއް ފަހަރު މަސައްކަތް ކުރަން އަންނަ މީހާ ވަޒީފާއިން ކެނޑިގެން ރާއްޖެ ދޫކޮށްދާތާ ތިން އަހަރުވާއިރު ވެސް ކުންފުނިން އެކަން ކުރަން މަސައްކަތް ނުކުރާތީ ވޯކްޕާމިޓް ކެންސަލް ނުކޮށް އޮންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރާއްޖެއަށް އެތެރެވެ، ބޭރުވާ މީހުންގެ އަދަދު ބަލަހައްޓަނީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ކަމަށްވާއިރު އިއްޔެގެ ނިންމުން ނިންމީ އަދި ކުރިއަށް އޮތްތަނުގައި މެނޭޖްކުރަމުންދާނީ ވެސް އެ ސިސްޓަމަށް ބިނާކޮށް ކަމަށެވެ. އަދި ވޯކްޕާމިޓްގެ ތެރޭގައި މިހާރު ކެންސަލް ނުކޮށް ހުރި ވޯކްޕާމިޓްތައް ދެނެގަނެ، ރާއްޖޭގެ އެކި އެކި ކުންފުނިތަކާ މަޝްވަރާކުރެވިގެން އެ ވޯކްޕާމިޓްތައް ކެންސަލް ކުރުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ ސަރުކާރުން ފެށި ހާއްސަ ޕްރޮގްރާމާއެކު ކޮންމެ ގައުމަކުން ގެނެވޭނެ އެންމެ މަތީ އަދަދަކީ 100،000 ކަމުގައި ހަދާ އެމްޕްލޯއިމަންޓް އެކްޓްގައި ހިމެނިއެވެ. އެއާއެކު އެ ގައުމަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވުމުން އިތުރަށް މީހުން ނުގެނެވޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށް ބަންގްލަދޭޝް މީހުން އެތެރެވުން ހުއްޓުވާ އިންޑިއާ އަށް އެފުރުސަތު ދިނެވެ.