ރިޕޯޓު ފުރިހަމަ ނުވާކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އަނބުރާ ރިޕޯޓު ފޮނުވާލުމުން އެނގެނީ ރިޕޯޓު އެޖެންޑާކުރީ ރަނގަޅަށް ނުބަލާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
އާމިރު މިފަައިން ވިދޅާވީ މި ސަރުކާރުން 22 މިނިސްޓްރީއަކަށް އައްޔަންކުރި 22 މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށްފަހު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެންނެވެ.
އާމިރު ވިދާޅުވީ މިއީ މަޖިލީހުގައި މިހާތަނަށް އަމަލުކޮށްފައި ނުވާ ގޮތެއް ކަމަށާއި ރިޕޯޓަކާ މެދު ގޮތެއް ނިންމަވަނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ. އަދި ރިޕޯޓުގައި ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކޮށް ހުރި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިކަން ފާހަގަކުރައްވާ އާމިރު ވިދާޅުވީ އެކަމުން އެނގެނީ އެ މައްސަލަ އެޖެންޑާކުރެވުނީ ރަނގަޅަށް ބަލަންވީ ވަރަށް ނުބަލާ ކަމަށް ކަން އަސްލަމް އިއުތިރާފުވާ ކަމަށެވެ.
އާމިރު ވިދާޅުވީ 2018 ވަނަ އަހަރު އެކުލަވާލެވުނު ސަރުކާރުން ރައްޔިތުން މަޖިލީހަސް ރުހުން ހޯދަން ފޮނުވީ ޑިސެންބަރު 4 ގައި ކަމަށާއި މެންޑޭޓު ފާސްކުރުމަށް މެންޑޭޓާ ގުޅޭ ގޮތުން ފޮނުވާފައިވަނީ ޑިސެންބަރު 15 ގައި ކަމަށެވެ. އަދި މިއަދު ހިސާން ހުސައިންގެ ނިޒާމީ މައްސަލައަކާ ގުޅިގެން އެގޮތަށް ނިންމުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މިގޮތަށް މަޖިލިސް ކުރިއަށްނުގެންގޮސް ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަކީ ރައީސްއަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ކަމަށާއި މަޖިލީހުގެ ކަންކަމުގައި އަމިއްލައަށް އުސޫލު ގެންގުޅޭނަމަ މަޖިލީހުގެ މެންބަރުން މިތަނުގައި ތިބުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދިގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ކަމެއްގައި ބަލަނީ އަމަލުކޮށްފައިވާ ގޮތަށް ކަމަށާއި އެ ގޮތަށް ބަލާއިރު މިއަދު ރައީސް އަމަލުކުރައްވަނީ އެއްގޮތަކަށްވެސް މަޖިލީހުގެ ގަވާއިދު ދަންނަ ގޮތަކަށް ނޫން ކަމަށް އާމިރު ވިދާޅުވިއެވެ.
އެ ރިޕޯޓު ފޮނުވާލުމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އެޖެންޑާ ހުށަހެޅުމަށްފަހު އެޖެންޑާއިން އުނިކުރެވޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި ގޮތެއް ނިންމަން ޖެހޭނީ އެޖެންޑާގައި އޮތިއްޔާ މެންބަރުން ކަމަށެވެ.
އޭގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޓޮމް ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ މިތަނުގައި 20 ނުވަތަ 25 އަހަރު މަސައްކަތް ކުރައްވާފައި ހުރި މެންބަރެއް ކަމަށާއި މަޖިލީހުގެ އުސޫލު ހިނގާ ގޮތް އެނގިލައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމަކީ ރައީސްގެ ޒިންމާއެއް ކަމަށާއި މަޖިލީހުގެ އެޖެންޑާކޮށް އެ އެޖެންޑާ މެންބަރުންނަށް ލިބުނަށްފަހު ހާއްސަކޮށް މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު އެޖެންޑާގައި ހުރި އެއްޗެއް އުނިކޮށް، ބަދަލުކޮށް ފޮނުވާލަން ރައީސްއަށް ނުނިންމޭނެ ކަމަށް ޓޮމު ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެ ރިޕޯޓު މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންގޮސް މަޖިލީހުގެ 200 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް އެކުލަވާލުމަށް އަލުން ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.
ޖަލްސާ ފެށުނުތަނާހެން ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ހިސާން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ރިޕޯޓް އެޖެންޑާގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 200 ވަނަ މާއްދާގެ ހަމަތަކާ ހިލާފަށް ކަމަށާއި އެ ރިޕޯޓަކީ އެ މާއްދާތައް ފުރިހަމަ ނުވާ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން އެ ރިޕޯޓަކީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އަދި 200 ވަނަ މާއްދާ (އ) އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކުގައި ހިމެނޭ މަސައްކަތްތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި މިނިސްޓްރީތައް ގާއިމުވެގެން 30 ދުވަސްވެފައިވާއިރު މިހާތަނަށް މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާ ކަމަށެވެ.
ހިސާން ވަނީ މެންޑޭޓް ދިރާސާ ނުކޮށް މިނިސްޓަރުންނަށް ރުހުން ދެނީ އެ ބޭބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުުރުމަށް ނުވަތަ އަދާނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތިގެންކަން ރިޕޯޓުން ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.
ހިސާން ވިދާޅުވީ އެ މަރުހަލާގައި ކޮމިޓީއަށް މެންޑޭޓު ފޮނުވާފައި ނެތުމަކީ ދިރާސާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި މަޖިލިހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ރުހުމަށް އެދި ފޮނުވާ ކަމަކާ ގުޅޭ ގޮތުން ކޮމިޓީއިން އެ މާއްދާ ބަޔާންކޮށްފައިވާ ދެ ގޮތުގެ ތެރެއިން އެއް ގޮތަކަށް ނިންމަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުން މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރައްޔިތުން މަޖިލީހުން ނުފެންނަ ކަން ކަމަށް ހިޝާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ އެޖެންޑާ ކުރެވިފައިވާ ރިޕޯޓުގައި އެ ދެ ކަމުން ކުރެ ގޮތަކަށް ނިންމާ، ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި 200 ވަނަ މާއްދާގެ (އ) ގައި ވޯޓަށް އެހޭނީ ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ ރިޕޯޓަކަށްކަމަށް ވާތީ މި ރިޕޯޓުގައި މިއިން ގޮތަކަށް ބަޔާންކޮށްފައި ނެތްއިރު ވޯޓަށް އެހޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.