މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ސްކްރީނުގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ނޮވެމްބަރ" މ މުލަކުގައި އަޅުވާގޮތަށް ނިންމައިފިއެވެ.

ޑާކްރެއިންއެންޓަޓެއިންމަންޓުގެ މި ފިލްމު މުލަކުގައި އަޅުވަން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 21:00 ގައި އެރަށު އަހުލީ ޕްރީ ސްކޫލުގައެވެ. އެ ފިލްމު ބެލުމަށް ޓިކެޓް ގަތުމަށް 7846937 އަށް ގުޅުމުން ޓިކެޓް ލިބިގެންދާނެއެވެ. މި ރަށުގެ އިތުރުން މި ފިލްމު ވަނީ ގއ. ވިލިނގިއްޔާއި ކުޅުދުއްފުށީގައި ދައްކާފައެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމަކީ އަންހެނެއްގެ ހަޔާތުގައި ދިމާވާ ބޮޑު ކަންތައްގަނޑަކުން އޭނާ އަރައިގަންނަށް ކުރާ މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މިއީ ސޯލްމޭޓްސް އާ ގުޅޭ ފިލްމެއްވެސްމެއެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ. މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު ގަންނަން ލިބޭނެއެވެ. ޝޯއެއްގެ ޓިކެޓެއް 150 ރުފިޔާ އަށް ލިބޭނެއެވެ. ހަމަގައިމުވެސް އަހަރުގެ ފުރަތަމަ ފިލްމާއި އަހަރުގެ ފަހު ފިލްމު އެޅުވުމުގެ ޝަރަފު ލިބިގެން ދިޔައީ ޑާކްރެއިނަށެވެ. މި ކުންފުނީގެ ފިލްމެއް މިއަހަރު ފެބްރުއަރީ މަހު ވަނީ އޮލިމްޕަހުގައި އަޅުވާފައެވެ. އެއީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިން ދާއިރާ އަށް ނުކުތް "ބީވީމާ" އެވެ. އަންނަ އަހަރު އޮލިމްޕަހުގައި އަޅުވާ އެންމެ ފުރަތަމަ ފިލްމަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް ލީޑު ރޯލުން ފެނިގެންދާ "މީ އިޝްގް" އެވެ.