ޅ. ނައިފަރުގައި ފެނުގެ މައްސަލަ ދިމާވީ ގޭބީސީ ތަކުގެ އަދަދު އިތުރުވެ ފެނުގެ ޑިމާންޑް އިތުރުވުމުން ކަމަށް އެރަށުގައި ފެނުގެ ހިދުމަތް ދެމުންދާ ފެނަކަ އިން ބުނެފިއެވެ.
އެ ރަށުގައި ދިމާވި ފެނުގެ މައްސަލައާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނައިފަރުގެ ފެނުގެ ނިޒާމަކީ 2017 ވަނަ އަހަރު ގާއިމު ކުރުމަށް ހަމަޖެހުނު ނިޒާމެއް ނަމަވެސް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން 2019 ވަނަ އަހަރު އެ މަޝްރޫއު ހުއްޓުނު ކަމަށެވެ.
އަދި 2020 ވަނަ އަހަރު އަލުން މަސައްކަތް ފަށާ ފެނުގެ ނިޒާމުގެ މުޅި މަޝްރޫއު ނިމުނީ 2022 ވަނަ އަހަރު ކަމަށް އެ ބަޔާނުގައި ވެއެވެ.
މި ޕްރޮޖެކްޓު ޑިޒައިންކޮށް އިމްޕްލިމެންޓު ކުރުމާ ދޭތެރޭ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން މީހުން ދިރިއުޅެ ގޭބިސީތަކުގައި އަދަދު އިތުރުވެ، ޑިޒައިންކުރި ވަރަށްވުރެ ފެނުގެ ޑިމާންޑު ވަނީ އިތުރުވެފައި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ހަވާލު ކުރި އިރުވެސް ގިނަ މައްސަލަތަކެއް ދިމާވާކަން ފާހަގަ ކޮށް އެ ކުންފުނިން ބުނީ ނެޓް ވޯކް ލީކުވުމާއި، ފެން ޕްލާންޓުގެ އެކި އެކި މައްސަލަތަކާއި، ފެނުގެ ކޮލިޓީއާ ގުޅޭ ބޮޑެތި މައްސަލަތައް ހުރި ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްދޭން ފެށުނު އިރުވެސް މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ބުނެއެވެ. އަދި ފެން ބޭނުންކުރާ ނިސްބަތް އުފެއްދޭ މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި މުޅި ރަށުން ފެނުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަންޖެހޭ ހާލަތްތަށް އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"ނައިފަރުގައި ފެން އުފެއްދޭ މިންވަރަށްވުރެ އިތުރަށް ފެން ބޭނުންކުރާތީ ދިމާވި މައްސަލަ ހައްލު ކުރުމުގެ ގޮތުން އިތުރު ފެން އެ ރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ހާއްސަ އިސްކަމެއްދީގެ ދަނީ ކުރަމުން. އަދި ދާއިމީކޮށް މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދޭ" ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.
ދޭތެރެ ދޭތެރެއިން ނައިފަރުގެ ފެނުގެ ހިދުމަތް މެދުކެނޑޭތީ އެރަށު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ދިނުމަށް އެދި އެ ރަޑު ރައްޔިތުން މުޒާހަރާވެސް ކޮށްފައި ވެއެވެ.