ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސަވައިދެއްވުން މިއަދުގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމަވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ގައުމީ އެއާލައިން، މޯލްޑިއަންއިން ސީދާ ދަތުރުތައް ހުއްޓުމެއް ނެތި ޕްލައިޓްސްތައް ފެށުމަށްޓަކައި ވައިޑް ބޮޑީ އޮޕަރޭޝަން ތައާރަފުކުރުމުގެ ކަންކަން މިއަދު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންތަކުގައި ވައިޑް ބޮޑީ އެއާކުރާފްޓުތައް ބޭނުންކުރުމުގެ ގޮތުން މި މަޝްރޫއު ފެށުމަށްޓަކައި އިންވެސްޓްކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ވައިޑް ބޮޑީ އެއާކްރާފްގެ ގޮތުގައި ދެ އެއާކްރާފްޓް އައިލެންޑް އޭވިއޭޝަނުން ގެނައުމުގެ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.
އެގޮތުން އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން، ނެވިގޭޝަން، ލޭންޑިން އަދި ޕާކިން ގައި އަގު ހެޔޮ ކޮށްދިނުމާ ގުޅޭ ގޮތުން އެމްއޭސީއެލް މަޝްވަރާ ކޮށްގެން ހަމަޖެއްސުމާއި މަންޒިލުތަކަށް އުދުހުމަށް ބޭނުންވާނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ގައުމުތަކުން ބޭނުންވާނެ އެހީތެރިކަން ފޮރިން މިނިސްޓްރީ މަޝްވަރާކުރައްވައިގެން ހޯދުމުގެ އިތުރުން އެ މަޝްރޫއު ތެރޭގައި އެންމެ އިސްކަމެއްދޭނެ މަންޒިލުތަކެއްގެ ތެރޭގައި ޗައިނާ މަންޒިލުތައް ހަމަޖެއްސެވުން ހިމެނޭ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ އެ ގައުމުން ބޭނުންވާ ހާރިޖީ ގުޅުންތަކުގެ އެހީތެރިކަން ކަންކަން ފޮރިން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ހާއްސަ އިސްކަމެއް ދީގެން ހުށަހަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް މިކަމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށާއި މިގޮތުން މަސައްކަތް އަވަސްކުރުމަށް ކުރަން ޖެހޭ ކަންކަން އިކޮމޮނީ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވެސް ނިންމަވާފައިވާ ކަމަށެވެ.