މަސްވެރިކަން އިސްތިހާރުކުރަން 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމަވައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ކަމަށްވާ އެކުއާ ކަލްޗާއާއި މެރި ކަލްޗާ ފަދަ ކަނޑުގެ ހުރިހާ ރިސޯސަސްތައް ހިމެނޭ ގޮތަށް އިސްތިހާރުކޮށް އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކުރަން މިއަދުގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.
އެތަކެތީގެ ޕްރީމިއަމް އުފެއްދުމެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމަށް އެ އުފެއްދުންތަކަށް އާ މާކެޓުތައް ހޯދުމަށް މަސައްކަތްކުރާނެ ވަކި އިދާރާއެއްގެ ގޮތުގައިމޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަންގެ ނަމުގައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް މިއަދު ކެބިނެޓުން ނިންމަވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެ ވައުދުފުޅަކީ މިދިޔަ އޮގަސްޓް 23 ވަނަ ދުވަހު ށ. ފުނަދޫގައި ބޭއްވި ކެންޕެއިން ޖަލްސާއެއްގައި ރައީސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމެއް ކަމަށެވެ.
ޝަހީބު ވިދާޅުވީ އެގޮތުން އެ ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާނެ ކަމަށް ހުށަހަޅުއްވާފައިވާ 37 މިލިއަން ރުފިޔާ އަންނަ އަހރުގެ ދައުލަތުގެ ބަޖެޓުގައި ހަމަޖައްސަވަން މިއަދު ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. އަދި އެއާއެކު ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށް ނިންމާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.