ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ހުރިހާ ހައްޖު ކޯޓާ ތަކެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ކަމަށެވެ.

މި ގޮތަށް ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ޝަހީބް ފާހަގަ ކުރެއްވީ، ގިނަ އަދަދެއްގެ ބަޔަކު ހައްޖު ކޯޕަރޭޝަންގައި ރެޖިސްޓްރީވެފައި ވުމުން އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ އެކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.

އަދި ހަމައެހެންމެ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ އަށް ހައްލު ލިބި އެކަމުގެ ސަބަބުން އާންމުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝަހީބް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުޏަކަށް ދިން އިރު ބާކީ ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ކުންފުނިތަކުން ހައްޖަށް ގެންދިއުމަށް ނަގާ އަގު ބޮޑެވެ އާންމުން ދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އަދި އެކަމަށް ހައްލު ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދެއްވާފައެވެ.