ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނުމުން ފައިލޭރިއާ ފެތުރޭ ގައުމުތަކުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މިމަހުގެ 1 އިން 2 އަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިންނެވެ. އެ ރަށުން މިހާތަނަށް 17 ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ، ރާއްޖެ އަށް އަންނަ ބައެއް ބިދޭސީންނަކީ ފައިލޭރިއާ ފެތުރޭ ގައުމުތަކުން އަންނަ މީހުން ކަމަށާއި މި ބަލި ހުންނަ ގައުމުތަކުން އަންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ސްކްރީން ކުރަމުން ދާ ކަމަށެވެ.

މި ސްކްރީނިންގެ ތެރެއިން މި ޕޮޒިޓިވްވާ ކޭސެސްތަކަށް ވީ އެންމެ އަވަހަކަށް ބޭސް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ ޖެހުމަށްފަހު ވެސް ބޭރަށް އަލާމާތްތައް ނުފެނު ހުރުން އެކަށީގެންވެއެވެ.

ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުން ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިއީ ޗިކަން ގުންޔާ ފަދަ ބަލިތައް ފަތުރާ މަދިރިއާ މުޅިން ތަފާތު މަދިރިއެއްކަން ފާހަގަކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުންވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެއަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016 ވަަނަ އަހަރު އެވެ. މި ބައްޔަށް ދެވޭ ފަރުވާއަކީ އެއް ފަހަރު ބޭނުން ކުރާ ދެ ބޭހެކެވެ.