ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އިއްޔެ އާންމު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ފާސްކުރުމުން، އެ ނިންމުމާ ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން ކޮމިޓީން އިއްޔެ ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމަށް އަދި ނުފޮނުވައެވެ.
ކޮމިޓީން ނިންމި ނިންމުމުގައި ބުނާ ގޮތުގައި ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ. އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ކޮމިޓީން ފާސްކޮށްފައި ވެއެވެ.
ކޮމިޓީން ނިންމި މި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްވެއްޖެ ނަމަ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ރައީސް އާއި ނައިބު ރައީސް އަޒުލް ކުރުމުގެ ބާރު ލިބެއެވެ.