ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީން ބާއްވަން ހަމަޖެހިފައިވާ ބަހުސްއާ މެދު ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޑިމޮކްރެޓުން ނެރުނު ބަޔާނެއްގައި ބުނީ، ބަހުސް ރާވާ އިންތިޒާމުކޮށް އަދި ކެންޑިޑޭޓުންނަށް މުއާމަލާތު ކުރީ ވޯޓުލާ ދުވަހާ ހަމަޔަށް ހަފްތާއަކު އެއް ފަހަރު ވަކި ހާއްސަ މައުލޫއަކަށް ބޭއްވޭ ބަހުސެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
ނަމަވެސް މި އިންތިހާބުގައި ވާދަކުރައްވާ ވަކި ކެންޑިޑޭޓަކު އެދިގެން އެ ކެންޑިޑޭޓު އެދޭ ސުވާލުތަކާ އެކު އެއް ބަހުސްއަށް މަދުކުރަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިކަން މިހެން ހިނގާ ނަމަ އެއީ ސަންގު ޓީވީން ވަކި ކެންޑިޑޭޓަކާ މެދު ތަފާތު ހާއްސަ ގޮތެއް ގެންގުޅުން ކަމަށް ދެކޭ ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.
ޑިމޮކްރެޓުން ވަނީ އެންމެ ފުރަތަމަ ބަހުސް ރާވާ އިންތިޒާމުކުރި ގޮތަށް ހަފްތާއަކު އެއް ފަހަރު ވަކި ހާއްސަ މައުލޫއަކަށް، ވަކި އެއް ކެންޑިޑޭޓެއްގެ ޑިމާންޑުތަކަށް ދީލާނުލާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި އެމްޓީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވާއިރު ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކުރޫ ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން އެ މަގާމަށް މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި އަމިއްލަ ގޮތުން ކުރީގެ ސީޕީ ހުސައިން ވަހީދު އަދި މިހާރުވެސް މާލެ ސިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހު ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.