މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަ ދައްކަމަވަމުންނެވެ.

މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާގެ ހިދުމަތްތައް އާސަންދައިގެ ތެރެއިން ލިބިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވެފައި ވާއިރު، އެ ހިދުމަތްތަކުގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރޯސިސް ގެ ފަރުވާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދާރީ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު، އާސަންދައިގެ ދަށުން އައިވީއެފްގެ ހިދުމަތްތައް ވެސް މަަދު ހަފްތާތަކެއްގެ ތެރޭގައި ދޭން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން އަންނަ ހަފްތާގައި ޕެކޭޖްތައް އިއުލާން ކޮށް ފެށޭ ޖެނުއަރީ 1 އިން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ތެރެއިން އެ ހިދުމަތް ލިބެންގެން ދާނެ ކަމަށެވެ.

އެ ހިދުމަތްތައް ފެށިގެންދާނީ ވަކިވަކި އުމުރުފުރާތަކަށް އަމާޒު ކުރެވިގެންދާ ޕެކޭޖުތަކަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ އަދި ދެވަނަ ކުއާޓާގެ ކުރީކޮޅުން ފެށިގެން އެ ޕެކޭޖްތައް ފުޅާ ކުރެވި ގިނަ ރައްޔިތުންތަކަކަށް ހިދުމަތް ފޯރުކޮށްދެވޭނެ މަގަށް ސިޔާސަތުގައި ހުރި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރާނެކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.