ލ. ދަނބިދޫ ކައިރީ އޮންނަ "ބިންމާދަނޑު" ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އުރިގެން އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓަކީ މުދާ ހިފައިގެން މާލެއިން ލ. ދަނބިދުއަށް ދަތުރުކުރަމުންދިޔަ "ބަސްމަލާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

ޖުމްލަ 9 ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ މި މުދާ އުފުލާ ބޯޓު، ނެރުމައްޗަށް އުރުނު ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 06:13 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓު ދިޔަވަމުން ދާތީ ޕަންޕު ޖައްސައިގެން ފެން ހިންކުމާއި ބޯޓުގެ އިންޖީނު ރޫމާ ދިމާ އަޑިން 5 ފޫޓަށް ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމަށް ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.