މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު "އެކްސަސައިޒް ޖައްރާފާ-2026" މިއަދު ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި އެފްއާރްއެސްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީއާއި، ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް އަހްމަދު ފާއިޒު ރަޝާދުގެ އިތުރުން އެފްއާރްއެސްގެ އެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތައް އޮންނާނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއާއި އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ތަމްރީނުތައް ކުރިއަށްދާ ވަގުތު މާލެއާއި ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގައި އެފްއާރްއެސްގެ ފަޔާ ވެހިކަލްތައް ސައިރަންއާއި ބީކަން އަޅައިގެން ބާރު ސްޕީޑުގައި ދަތުރުކުރަމުންދާނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް ފަޔާ ފައިޓަރުން އަހުލުވެރިކުރުވައި ފަރިތަކުރުމެވެ. އަދި ބޮޑެތި އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި، ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމަކީވެސް މި ތަމްރީނުގެ އަމާޒެކެވެ.