ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޗައިނާ އަދި ސްވިޒާލޭންޑަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައި ވާއިރު، މި ދަތުރަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

އެގޮތުން މި ދަތުރުގައި ނައިބު ރައީސް ވަނީ، ސްވިޒާލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ "ހިއުމަން ރައިޓްސް 75"ގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަހަމަކަން ކަމަށާއި އަދި ބައިބައިވުމަށް ފުރުސަތެއް ނެތްކަން ކަމުގައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ "ފިއުޗާ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހުރިހާ އެންމެންނަށް ވެސް ކުރިމަތިލާން ޖެހިފައި ވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައި ވާކަމަށް ވިދާޅުވެފައެވެ.

އަދި މި ހަރަކާތުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެހެން ގައުމުތަކުގެ އިއްޒަތްތެރިންނާއި އދގެ އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ.

ނައިބު ރައީސް މި ދަތުރުގައި އެމަނިކުފާނު ވަނީ ސްވިޒާލޭންޑްގެ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން ޗައިނާއަށް ވަޑައިގެން، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.