ކ. އަތޮޅު ގުޅީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު އެ ކައުންސިލްގެ އިހުތިސާސް އިން ވަކިކޮށްފިއެވެ.

އެގޮތަށް ނިންމާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.

ފުށިދިއްގަރުފަޅަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަރައްގީކުރުމަށް ވައުވެވަޑައިގެން އެ މަސައްކަތް ކުރެއްވުމަށް ގިނަ ޕްލޭންތަކެއްވެސް ހަދަމުންދާ ރަށެކެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ އެންމެ މުހިންމު ކަން ކަމަށްވާ ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫއު ވައުދުވެވަޑައިގެންނެވި ގޮތަށް ހަފްތާ 14ގައި ފެށިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުން 1280 ހެކްޓާރުގެ ސަރަހައްދެއް ހިއްކާނެ ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފިނޭންސްުން ހުށަހެޅި އިރު އެ ސަރަހައްދު ހިއްކުމަށް ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންނަމަވެސް ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ހިމަނައިފައެވެ.

އެފަޅު ހިއްކައި ފުރަތަމަ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމޭ އިރު، ވަށައި ރިވެޓްމަންޓް ޖަހައި 3 މީޓަރެއްހާ އުސްމިނަށް ހިއްކައި ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުށިދިއްގަރުގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައިގެން 65000 ގެދޮރު ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.