ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި މުހައްމަދު ޝަހީބު އައްޔަން ކުރައްވައިފިއެވެ.

ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވާކަން އެނގިފައި ވާއިރު އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރެކެވެ. އެގޮތުން ހަވީރު ނޫހުގެ އިތުރުން ސަން މީޑިއާގެ އިސް މަގާމުތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވާ ޝަހީބު މިހާރު ގެންދަވަނީ "އަދިވެސް" ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުންނެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސްގެ މަގާމުވެސް ޝަހީބު ވަނީ ފުރުއްވާފައެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަގާމުން ޝަހީބު އިސްތިއުފާ ދެއްވާފައި ވަނީ 2019 ވަނަ އަހަރު ތެރޭގައި އެ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ޝަހީބު ވަކިކުރަން އެ ކޮމިޝަނުން ނިންމީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށެވެ. އަދި އިންސާފުގެ ބޭރުން ބައެއް ޗެނަލްތައް ޖޫރިމަނާ ކުރުމުގެ ތުހުމަތުވެސް އެފަރާތްތަކުގެ މައްޗަށް ވަނީ ކޮށްފައެވެ.

ޝަހީބަކީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.