58 މީހުން ގޮވައިގެން މާލޭން ފުރައިގެން ކުޅުދުއްފުށްޓަށް ދިޔަ ބަހާދަރު ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، 'ބަހާދަރު' ނަމަކަށް ކިޔާ ބޯޓެއް ދެކެނަންފަރު ކައިރިން ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:30 ވަނިކޮށް ކަމަށެވެ.

ހަ އަންހެނަކާއި ހަ ކުޑަކުއްޖަކާއި 10 ފަޅުވެރިއެއް ހިމެނޭހެން ޖުމްލަ 58 މީހުންނާއެކު ދަތުރުކުރަމުން ދިޔަ 'ބަހާދަރު' ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުމުން، ބޯޓު ފަރަށް އަރާފައިވާ ސަރަހައްދަށް ފަތިހުގެ ވަގުތެއްގައި ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

'ބަހާދަރު' ގައި ތިބި 58 މީހުންގެ ތެރެއިން ހެނދުނު 6 ޖަހާކަން ހާއިރު އެމްއެންޑީއެފްގެ އުޅަނދެއް ކަމަށްވާ 'ހާބާކްރާފްޓް 116' އަށް 17 މީހަކު ނަގައިގެން ށ. ކޮމަންޑު އަށް ގެންގޮސްފައި ވާއިރު ބާކީ ތިބި 31 މީހުން 'ފްލައިން ފިޝް 17' ނަމަކަށް ކިޔާ ދޯންޏެއްގައި ކުޅުދުއްފުށްޓަށް ގެންދިއުމަށް މިހާރު ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މިހާރު ކުރިއަށް ދަނީ 'ބަހާދަރު' ބޯޓު ފުންކުރުމުގެ މަސައްކަތް ކަމަށާއި، އެ ބޯޓުން ދަތުރުކުރި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބަހާދަރު ބޯޓުގެ ފަރާތުން ބުނެފައި ވަނީ، ބޯޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެންމެންވެސް ހެޔޮހާލުގައި ތިބި ކަމަށެވެ. އަދި ބޯޓުގައި ހުރި މުދާ ސަލާމަތް ކުރުމާއި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.