ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ބުނީ، މަސްވެރިންނަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާ ބައެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަކީ މަސްވެރިކަމުގެ ވިޔަފާރިކޮށް ގައުމުގެ އިގްތިސޯދަށް ބޭރު ފައިސާ ވެއްދުމަށް އާމްދަނީ ހޯދާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.

ސައުދު ވިދާޅުވީ، އާއިލީ ނުވަތަ އަމިއްލަ ބޭނުންތަކަށް ރާއްޖޭން ބޭރުން ފަސޭހައިން ހިދުމަތް ހޯދުމަށްޓަކައި އެމެރިކާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން މަސްވެރިންނާއި އެ މީހުންގެ ދަރިން ރާއްޖޭން ބޭރުން ތައުލީމު ހާސިލްކުރުމަށާއި ބޭސް ފަރުވާ ކުރުން ފަދަ ކަންކަމަށް މަސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް އެމެރިކާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ މަސްވެރިންނަށް ލިބޭނެ ބޮޑު ލުއިފަސޭހަކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ، އެމެރިކާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމުން މިފްކޯ ނުވަތަ ބޭންކު މެދުވެރިކޮށް މަސް ދޯނިފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގަތުމަށާއި މަސް ފިނިކުރަން ބޭނުންވާ އާރުއެސްޑަބްލިއު ސިސްޓަމާއި އެއާ ގުޅޭ މެޝިންތައް ގަތުމަށާއި ދޯނިފަހަރަށް ބޭނުންވާ ސްޕެއާ ޕާޓުތައް ރާއްޖޭން ބޭރުން ގެނައުމަށް ފަސޭހަވާނެ ކަން ސައުދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސަރުކާރުގެ މަސް ކުންފުނި މިފްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭ މުސާރައިގެ 60 ޕަސެންޓު އެމެރިކާ ޑޮލަރުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ކުންފުނީގެ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލީ ބޭނުންތަކަށް ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުވައްޒަފުންގެ އަގު ވަޒަންކުރުމާއި އެ މީހުން ސިނާއަތުގައި ދެމިތިބުމަށް ދެވޭ ހިތްވަރެއް ކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް ދެވޭ ބާރެއްގެ ގޮތުގައި ސައުދު ސިފަކުރެއްވިއެވެ.

އަދި ޒުވާނުން މަސްވެރިކަމުގައި ހަރަކާތްތެރިވާ މިންވަރު ވެސް މިކަމުގެ ސަބަބުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު މަސްވެރިންނަށާއި މިފްކޯގެ މުވައްޒަފުންނަށް ފަސޭހައިން އެމެރިކާ ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށް، އެ ގަރާރުގައި ވެއެވެ.